އޭސީސީގެ ރައީސްގެ މައްޗަށް ފަނޑިޔާރު އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ބަލައިގެންފި

އޭސީސީގެ ރައީސްގެ މައްޗަށް ފަނޑިޔާރު އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ބަލައިގެންފި

ގުޅުންހުރި

 

މާލެ، 18 މާރޗް 2025 – އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުށަހެޅުއްވި މައްސަލަ އޭސީސީން ބަލައިގަނެ ރަޖިސްޓަރީކޮށްފިއެވެ.

މި މައްސަލަ ރަޖިސްޓަރީކުރިކަން އޭސީސީން މިހާރު ވަނީ އަޒްމިރަލްދާގެ ވަކީލުންނަށް އަންގާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކުރުމަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ނިންމާފައެވެ. ނަމަވެސް އޭސީސީން ބަލަމުންދާ މައްސަލައިގެ އެއްވެސް ތަފްސީލެއް އެ ކޮމިޝަނުންވެސް އަދި ޖޭއެސްސީއަކުންވެސް ހާމަކޮށްފައިނުވެއެވެ.

މައްސަލައިގެ ތަފްސީލް ހޯދުމަށް އަޒްމިރަލްދާ އޭސީސީއަށް ހުށަހެޅުއްވުމުންވެސް އޭނާއަށް އެ މަޢުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަޒްމިރަލްދާ އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އޭސީސީގެ ރައީސް ޝާމިލް ސޮއިކުރައްވައި ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައިވަނީ އިޖުރާއަތުތަކާއި އުސޫލުތަކުގެ ބޭރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ސިޓީ ފޮނުއްވާފައިވަނީ އާންމު އުސޫލުން ޖެމްސް މެދުވެރިކޮށް ނޫން ކަމަށާއި، އެ ސިޓީގައި ސިޓީގެ ނަމްބަރެއްވެސް ނެތް ކަމަށް ފާހަގަކުރައްވާފައިވެއެވެ.

"އާދަމް ޝާމިލް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އާއްމު އިޖުރާއަތުތަކާ ހިލާފުވެ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ސިޓީ ފޮނުއްވާފައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލްކޮށްދިނުމަށާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ކަމަށް އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުކަމުގައިވެސް ދެކެމެވެ،" އަޒްމިރަލްދާގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ފަނޑިޔާރު އަޒްމިރަލްދާ އިތުރަށް ފާހަގަކުރައްވާފައިވަނީ، ޝާމިލްގެ މި އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، އެކަމުގައި ތިމާއަށް އަދި މަންފާ ލިބެންނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ، މި ޖިނާއީ ކުށުގެ އަމަލު އަވަސް ގޮތެއްގައި ތަހުގީގުކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ