ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ސިޔާސީ މައިދާނުގައި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ: ޑިމޮކްރެޓްސް

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ސިޔާސީ މައިދާނުގައި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ: ޑިމޮކްރެޓްސް

ގުޅުންހުރި

ފިރިހެނުންނެކޭ އެއްފަދައިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރިހަމަ ރައްކާތެރި މާހައުލެއް އަންހެނުންނަށް ވެސް ލިބިދޭންޖެހޭ ކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ޑިމޮކްރެޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެކްޓިވިސްޓު މަރިޒަމް ޒުބައިރު (މަންދީ)ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖަހާފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައިވަނީ، ރޭ އޭނާ ސައިކަލު ދުއްވައިފައި ދިޔަ ވަގުތު އޭނާއާ ފާރަލީ ބަޔަކެވެ. އެ ހާދިސާ ހިނގުމާއެކު ފުލުހުން ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

ޑިމޮކްރެޓުން ބުނީ މިއީ ސީދާ މަންދީއަށް އަމާޒުކޮށްގެން، ދުރާލާ ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނަކަށްވީތީ، އޭނާ ފާޅުކުރާ ޚިޔާލަކުން ނުވަތަ އެމީހެއްގެ ސިޔާސީ ވިސްނުމެއްގެ ސަބަބުން އެއީ ކުށެއް ކަމަށް ހަދައި، ސިޔާސީ ގޮތުން ހަރަކާތްތެރިވެ އުޅުމަށާއި ފާޅުކުރާ އަޑުތައް ކަނޑުވާލުމަށް އަނިޔާވެރިވުމާއި ބިރު ދެއްކުމުގެ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

"ކޮންމެ ފަރުދެއްގެ ވެސް އިންސާނީ އަދި ސިޔާސީ ހައްގުތައް، އެމީހެއްގެ ސިޔާސީ ނިސްބަތަކަށް ބެލުމެއް ނެތި ރައްކާތެރިކުރެވެން ޖެހޭނެއެވެ. އަންހެނުންނަށް ވެސް ފިރިހެނުންނެކޭ އެއްފަދައިން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރިހަމަ ރައްކާތެރި މާހައުލެއް އޮންނަން ޖެހެއެވެ." ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

އެހެންވެ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ހައްގު ހޯދަން މަސައްކަތް ކުރާ އަންހެނުންނަށް ބިރުދެއްކުމާއި އަނިޔާވެރިވުން ހުއްޓުވަން ޖެހޭކަން އެޕާޓީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސިލްސިލާ ގޮތެއްގައި މުޒާހަރާކުރަމުންނެވެ.

ޑިމޮކްރެޓްސްއަކީ ވެސް ސަރުކާރަށް ފާޑުކިޔައި އެއްވުންތައް ބާއްވާ ޕާޓިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޑިމޮކްރެޓްސް އުފެދުނީ، އެމްޑީޕީ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކެއްގެ ސަބަބުން ޕާޓީ ދެބައިވެގެންނެވެ.

އެމްޑީޕީން މިހާރު ކޮންމެ ރެއަކު ބާއްވާ ސިލްސިލާ އެއްވުންތަކުގައި މާ ގިނަ މީހުން ބައިވެރިނުވި ނަމަވެސް އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަ މީހަކު ފުލުހަށް ހާޒިރުކުރަން ވެސް ވަނީ ފުލުހުން ޗިޓު ފޮނުވައިފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ހާޒިރުކޮށްފައެވެ.

ފުލުހަށް ހާޒިރުކުރާ މީހުން:

  • އިބްރާހީމް އަބްދުﷲ (ގައްބަރޭ)
  • މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ
  • އަހުމަދު ސަލީމް (މާޒު ސަލީމް)
  • އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ)
  • މުޙައްމަދު ޝާމިލް
  • ފާތިމަތު ޝިއުނާ
  • ހަދީޖާ މުޙައްމަދު (ހައްޖަ)
  • އާއިޝަތު ނަޖުދާ އަލީ
  • ރީސާ އަހްމަދު
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ