ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ ގުޅުވައިގެން 'ހަސަން ކުރުސީ' ކިޔާ ފަރާތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ނިކް ލޯ ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނަށާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ އިސްވެރިންނަށް ޚާއްޞަ ރޯދަ ވީއްލުމެއް މުލީއާގޭގައި ބާއްވާފައިވެއެވެ. މި ހަފްލާގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އަދި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުޙައްމަދު އަދި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލުގެ އިތުރުން ސަރުކާރުގެ އެހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރޯދަ ވީއްލުމުގައި، މާލޭ ހުކުރު މިސްކިތުގެ މުންނާރާ ގުޅޭގޮތުން ރައީސް މުޢިއްޒު ދެއްވި މަޢުލޫމާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރުސީ ނަމަކަށް ކިޔާ ފަރާތަކުން ވާހަކަތަކެއް ފަތުރައިފިއެވެ. ކުރުސީ ފަތުރާފައިވާ ވާހަކައިގައި ބުނެފައިވަނީ މުންނާރަށް 1000 އަހަރު ވެފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށާއި، ޑިޕްލޮމެޓަކު އެއީ އިސްލާމްވުމުގެ ކުރިން ހަދާފައިވާ އިމާރާތެއްތޯ ސުވާލުކުރި ކަމަށެވެ.
That’s me in the photo. Let the record show that @MMuizzu made no such comment to me nor did he make any such comment in my hearing. I ask readers to draw their own conclusions. https://t.co/usO4IHpbWH
— Nick Low (@NickDLow) March 14, 2025
ކުރުސީގެ ވާހަކަތަކާ ގުޅިގެން ޓުވިޓަރގައި އަމިއްލަ އެކައުންޓުން ޖަވާބު ދެއްވަމުން، އިނގިރޭސި ސަފީރު ވިދާޅުވީ، ކުރުސީ ހިއްސާކުރި ފޮޓޯގައި ހުންނެވީ އެމަނިކުފާނު ކަމަށާއި، ނަމަވެސް މި ރޯދަ ވީއްލުމުގައި ރައީސް އެފަދަ އެއްވެސް ވާހަކައެއް ދެއްކެވި އަޑު އިވިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އިތުރުން ކުރުސީގެ ވާހަކަތަކާމެދު ކިޔުންތެރިން އަމިއްލައަށް ގޮތް ނިންމެވުމަށްވެސް ސަފީރު އެދިވަޑައިގެންފައިވެއެވެ.
ތާރީޚީ ގޮތުން ބަލާއިރު، މުންނާރު ބިނާކުރެވުނީ މަޝްހޫރު ބޮޑު ރަސްގެފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު (އައްސުލްޠާން އިބްރާހީމް އިސްކަންދަރު ސްރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން) ގެ ޒަމާނުގައި، މީލާދީން 1674 ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު މުންނާރަށް ވަނީ 350 އަހަރެވެ.
ހިރިގަލާއި އުވައިން ބިނާކޮށްފައިވާ މުންނާރަކީ، މާލޭގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާއިރު، ފަތުރުވެރިންގެ މެދުގައިވެސް މިއީ މަޤްބޫލު ތަނެކެވެ.
މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.