ސީ އެމްބިއުލާންސްތަކަށް މާފަންނު ފެރީ ޓާމިނަލުން ވަކި ސަރަހައްދެއް ޚާއްސަކުރަނީ

ސީ އެމްބިއުލާންސްތަކަށް މާފަންނު ފެރީ ޓާމިނަލުން ވަކި ސަރަހައްދެއް ޚާއްސަކުރަނީ

ގުޅުންހުރި

ރަށްރަށުން ބަލި މީހުން އުފުލާ ސީ އެމްބިއުލާންސްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް މާފަންނު ފެރީ ޓާމިނަލުން ވަކި ސަރަހައްދެއް ޚާއްސަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިހާތަނަށް ސީ އެމްބިއުލާންސްތައް ލަފާފުރުމަށް ބޭނުންކުރަމުން އައީ އެއް ނަންބަރު ފާލަމެވެ. އެ ސަރަހައްދަކީ ކޮންމެ ދުވަހަކުވެސް އެތައް ފެރީތަކެއް ފުރާ ބާރުބޮޑު ސަރަހައްދަކަށް ވެފައި، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލާ ދުރު ސަރަހައްދަކަށް ވުމުން ބަލި މީހުން އުފުލުމުގައި ތަކުލީފުތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ ލިބެއެވެ.

ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެކަމުގެ ސަބަބުން ޓްރެފިކްގައި ޖެހި ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔުމަށް ލަސްތަކެއް ދިމާވެއެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، މާފަންނު ފެރީ ޓާމިނަލް އިންވެގެން އިރަށް އޮންނަ ސަރަހައްދު ސީ އެމްބިއުލާންސަށް ޚާއްސަކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެއް ރަށުން އަނެއް ރަށަށް އަދި މާލެއަށް ބަލިމީހުން އުފުލާ ސީ އެމްބިއުލާންސްގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސީ އެމްބިއުލާންސްގެ ޚިދުމަތް މިހާރު އޮތީ ރަނގަޅުކުރަންޖެހޭ ހާލަތުގައިކަން ފާހަގަކުރައްވައި، ރައީސް ވަނީ މައްސަލައަށް ހައްލު ހޯދަން މަޝްވަރާތައް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެނީ އެމްއެންޑީއެފުންނެވެ. ނަމަވެސް މި ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން ގެންދެއެވެ. ބައެއް އަތޮޅުތަކުގައި ސީ އެމްބިއުލާންސް މަދުވުމާއި، ޚިދުމަތް ލިބުމުގައި ލަސްވާ ކަމުގެ ޝަކުވާވެސް އާންމުންގެ ފަރާތުން ލިބެއެވެ.

މި ސަރުކާރުން ވަނީ މޯލްޑިވިއަންގެ ފްލީޓަށް ސީޕްލޭން އެމްބިއުލާންސްތަކެއް އިތުރުކޮށް ޚިދުމަތްދޭން ފަށާފައެވެ. މި ފިޔަވަޅުތަކުން އަތޮޅުތެރެއިން ބަލިމީހުން އުފުލުމުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ