އަންހެނުން ބާރުވެރިކޮށް، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ހަތް ސިޔާސީ ޕާޓީއަކުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"އެންޝުއާ ސޭފްޓީ އެންޑް އީކްއަލް އޮޕޮޗްނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް" ނަމަކަށް ކިޔާ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވުނެވެ. މި އެއްބަސްވުން އެކުލަވާލީ އިނގިރޭސިވިލާތުގެ ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން އިސްނަގައިގެންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ޕާޓީތަކަކީ މޯލްޑިވްސް ޑިމޮރްކެޓިކް ޕާޓީ (އެމްޑީޕީ)، އަދާލަތު ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ)، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަދި ދަ ޑެމޮކްރެޓްސްއެވެ.
އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެއްބަސްވީ މިއީ ފުރަތަމަ ފަހަރެވެ.
ވެސްޓްމިންސްޓާ ފައުންޑޭޝަނުން ބުނެފައިވާ ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށާއި އަންހެނުންނަށް ކުރިމަތިވާ އަނިޔާ ހުއްޓުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަޅަންޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
ވެސްޓްމިންސްޓާ ފައުންޑޭޝަނުގެ ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުމުގެ ޒަރީއާއިން ސިޔާސީ މަޝްރަހުގައި އަންހެނުންނަށް ޒަމާނުއްސުރެ ކުރިމަތިވަމުން އައިސްފައިވާ ހުރަސްތައް މަދުކޮށް، ފާހަގަކުރެވޭފަދަ އިސްލާހީ ބަދަލުތަކެއް ގެނައުމެވެ. އަދި ގައުމީ ފެންވަރުގެ ނިންމުންތައް ނިންމުމުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގައި ހަރުދަނާ އަދި ޝާމިލު ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަގުފަހިކޮށް ދިނުމެވެ."