ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކުޅުދުއްފުށިން ޑިންގީއެއްގައި ފުރައިގެން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މިލަންދޫ ބަނދަރުމަތިން ހައްޔަރުކުރެވުނީ ކުޅުދުއްފުށީ ދުނބުމާގޭ އަޙްމަދު ޟަމީރު (37) އާއި ހުވަފެނީއައްސޭރި އަޙްމަދު އިސްމާޢީލް (31) އެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ މީހުން ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބަންދުކޮށްފައިވާ 146 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 15 ދުވަހަށް އިތުރުކޮށްދީފައެވެ. އަދި މައްސަލައިގެ ތަޙުޤީޤު ފުލުހުން އިތުރަށް ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ