އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް މެޑިކަލް ޑިރެކްޓަރެއް ހޯދަން އިޢުލާންކޮށްފި

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް މެޑިކަލް ޑިރެކްޓަރެއް ހޯދަން އިޢުލާންކޮށްފި

Author
ހުސައިން
09 މާރޗް 2025 02:58
0

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް މެޑިކަލް ޑިރެކްޓަރެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. ނުވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށް ނޫން ސްޕެޝަލިޓީ މާސްޓާސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަދުވެގެން 10 އަހަރު މެޑިސިން ޕްރެކްޓިސްކޮށްފައިވުން ނުވަތަ ސިއްޙީ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރު ދުވަހު ހިންގުމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ ފަރާތްތަކަށެވެ.

މެޑިކަލް ޑިރެކްޓަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހޮސްޕިޓަލުގެ މެޑިކަލް އަދި ޞިއްޙީ ޚިދުމަތްތައް ރާވައި، އިރުޝާދުދީ، ކޯޑިނޭޓްކުރުމާއި ފެންވަރު ރަނގަޅު ޕްރެކްޓިޝަނަރުން ޢައްޔަންކުރުމާއި ހޮސްޕިޓަލްގެ މެޑިކަލް ސްޓާފުން ސުޕަވައިޒްކުރުމާއި މަސައްކަތުގެ ފެންވަރު ބެލުން ހިމެނެއެވެ.

މި މަޤާމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 41,343 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން އެލަވަންސްގެ ގޮތުގައި 23,678 ރުފިޔާއާއި، ހާޒިރީ އިނާޔަތުގެ ގޮތުގައި ކޮންމެ ދުވަހަކަށް 641 ރުފިޔާ ލިބޭނެއެވެ. އަދި ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަންގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައްވެސް ލިބޭނެއެވެ.

އޭއީއެޗުން ބުނީ މެޑިކަލް ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓްކޮށްގެން ކަމަށެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 އާއި އަންނަ މަހުގެ 15 އާ ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.