(މާލެ) – ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އޮންނަ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީން އެޓާރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނު އިސްތިއުފާ ދެއްވި ކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީގައި އެޓާރނީ ޖެނެރަލްގެ އިތުރުން ތިއްބެވީ ޖޭއެސްސީގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުޙައްމަދު އާއި ވަކީލުންގެ ތެރެއިން އައްޔަންކުރައްވާފައިވާ ޢަލީ ޢަބްދުއްލަޠީފްއެވެ.
ލިބިފައިވާ މަޢުލޫމާތުގެ މަތިން، އެޓާރނީ ޖެނެރަލް އުޝާމް އެ ކޮމެޓީން އިސްތިއުފާ ދެއްވާފައި މިވަނީ ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި ފަނޑިޔާރު އަޒްމިރަލްދާ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އޭނާގެ މައްސަލަ ބަލާ ކޮމެޓީގައި އެޓާރނީ ޖެނެރަލް ހުންނަވާއިރު، އެމަނިކުފާނުގެ މަޞްލަޙަތު އެ މައްސަލައިގައި ހިމެނޭ ކަމަށެވެ.
މި ސިޓީއާއި ގުޅިގެން ފަނޑިޔާރުގެ ކަންބޮޑުވުން އޮތުމުން އެޓާރނީ ޖެނެރަލް އިސްތިޢުފާ ދެއްވީ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެޓާރނީ ޖެނެރަލްގެ ބަދަލުގައި މިހާރު އެ ކޮމެޓީގައި ހުންނަވާނީ ޖޭއެސްސީގެ މެންބަރު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަޙްމަދު ނާޞިޙް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ