ޖޭއެސްސީން 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާތަނަށް ފަނޑިޔާރުންނާއި މެދު އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ތަފްސީލުތައް ހާމަކުރައްވާފައެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން "ސުލޫކީވުން" ނިމުމަކަށް ގެނައީ ނޮވެމްބަރ 2023 އިން ފެށިގެންކަމަށް އުޝާމު ވިދާޅުވިއެވެ.
ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދުވަސްވަރު އުޝާމު އާންމުކުރެއްވި މައުލޫމާތަށް ބަލާއިރު ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް 8 ފަނޑިޔާރަކުވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ނޮވެމްބަރު 2023 އިން ފެބްރުއަރީ 2025 ގެ ނިޔަލަށް އެއްވެސް ފަނޑިޔާރަކު ވަކިކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް 12 ފަނޑިޔާރުން ސަސްޕެންޑުކޮށް 3 ފަނޑިޔާރުންގެ މަގާމުވަނީ ދަށްކޮށްފައެވެ. ނޮވެމްބަރު 2023 އިން ފެބްރުއަރީ 2025 ގެ ނިޔަލަށް އެއްވެސް ފަނޑިޔާރެއްގެ މަގާމު ދަށްކޮށްފައިނުވާއިރު 3 ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށްފައެވެ.
މީގެ އިތުރުން ސުލޫކީ މައްސަލަތައް ސާބިތުވާކަމަށް ކަނޑައަޅާ ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް 33 ފަނޑިޔާރުންނަށް ނަސޭހަތްދީފައިވާއިރު މި މުއްދަތުގެ ތެރޭގައި ފަނޑިޔާރުންނާއި މެދު 56 ފަހަރެއްގެ މަތިން ވަނީ ފިޔަވަޅު އަޅާފައެވެ. އަދި ނޮވެމްބަރު 2023 އިން ފެބްރުއަރީ 2025 ގެ ނިޔަލަށް ސުލޫކީ މައްސަލަތައް ސާބިތުވެ ދެ ފަނޑިޔާރަކަށް ނަސޭހަތްދީފައިވާއިރު މި މުއްދަތުގެ ތެރޭގައި ފިޔަވަޅު އަޅާފައިވަނީ ޖުމްލަ ފަސް ފަހަރުކަން އުޝާމު ވަނީ ފާހަގަކުރައްވާފައެވެ.