ދެވަނަ އޭ330 މަތިންދާބޯޓު ހޯދުމަށް މޯލްޑިވިއަން އިޢުލާންކޮށްފި

ދެވަނަ އޭ330 މަތިންދާބޯޓު ހޯދުމަށް މޯލްޑިވިއަން އިޢުލާންކޮށްފި

Author
ހުސައިން
06 މާރޗް 2025 11:34
0

މޯލްޑިވިއަން، ގައުމީ އެއާލައިންއިން ދެވަނަ އޭ330 މަތިންދާބޯޓު ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ.

މޯލްޑިވިއަންގެ އިޢުލާނުގައިވާ ގޮތުން، އާރްއެފްޕީއައިގައި ބަޔާންކޮށްފައިވާ މާއްދާތަކާއި ޝަރުތުތައް ހަމަވާހެން، އޮޕަރޭޓިންގ ލީސްގެ އުސޫލުން ފަސް އަހަރުގެ މުއްދަތަށް އޭ330 މަތިންދާބޯޓެއް ފޯރުކޮށްދިނުމަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލާފައިވެއެވެ. މި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެ 23:59 ކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ގައުމީ އެއާލައިންއަށް ފުރަތަމަ އޭ-330 އެއާކްރާފްޓް ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓުގައި މިހާރު ޗައިނާގެ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރަމުންދެއެވެ. އަދި ޔޫރަޕަށްވެސް އޭ-330 އެއާކްރާފްޓުން ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެވަނަ ބޯޓު ރާއްޖެ ގެނެސް، މިއަހަރުގެ އޮކްޓޫބަރު މަހުގައި އުދުހުންތައް ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

ވައިޑްބޮޑީ ދެ އެއާކްރާފްޓް ބޭނުންކޮށްގެން ޤައުމީ އެއާލައިންއިން ޚިދުމަތް ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އަދި މޯލްޑިވިއަންއިން މިހާރު އަންނަނީ އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

ވައިޑްބޮޑީ އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނާއެކު ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.