ރަމަޟާން މަހާ ގުޅިގެން މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވޭނެ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އޮފީސް ގަޑިތަކުގައި ޓްރެފިކް ބާރުވިޔަ ނުދިނުމުގެ މަޤްސަދުގައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިގޮތުން ރަމަޟާން މަހުގެ ފުރަތަމަ 19 ދުވަހުގެ ތެރޭގައި، މުދާ އުފުލުމަށް ބޭނުންކުރާ ބަރު އުޅަނދުފަހަރު ދުއްވޭނީ ހެނދުނު 9:30 އިން ހަވީރު 16:30 އާ ހަމައަށް، އަދި ރޭގަނޑު 20:00 އިން ހެނދުނު 8:00 އާ ހަމައަށެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަހުގެ ތެރޭގައި މުދާ އުފުލުމުގެ ހުއްދަ އޮންނާނީ ހެނދުނު 6:00 އިން ހަވީރު 16:30 އާ ހަމައަށް، އަދި ރޭގަނޑު 20:00 އިން ހެނދުނު 6:00 އާ ހަމައަށެވެ.
މީގެ އިތުރުން، ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހާ ހަމައަށްވެސް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިންޒާރު ދެއްވާފައިވަނީ ކަނޑައެޅިފައިވާ ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި މުދާ އުފުލާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.