އެމްޓީސީސީން މިއަދު އިޢުލާން ކުރި ގޮތުގައި، ރަށްރަށުން އަންނަ ލޯންޗު ފެރީތައް ލަފާ ފުރުމަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބޭނުން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ދެ ޓާމިނަލް ހިމެނޭ ބަނދަރު ބޭނުންކުރަން ހުޅުވާލާފައިވަނީ ރަށްރަށުން މާލެއަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް، މާލެ އާއި އަތޮޅުތަކާ ދެމެދު ލޯންޗް ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗު 10 ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް މެއިލްކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެމްޓީސީސީން ވަނީ އިޢުލާން ކޮށްފައެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 7978865 ނަންބަރު ފޯނަށް ގުޅުމަށްވެސް އެދިފައިވެއެވެ.
މިހާތަނަށް ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދު ބޭނުންކުރަމުން އައީ ހަމައެކަނި އެމްޓީސީސީންނެވެ. މި ޓާމިނަލްތައް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލުމުން ރަށްރަށުން އަންނަ އަދި ފުރާ ފަސިންޖަރުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މިހާރު ރަށްރަށުން އަންނަ ލޯންޗުތަކުން ގިނައިން ބޭނުންކުރަނީ ބޭންކް އޮފް ސިލޯނު ކުރިމަތީ ހުންނަ ޖެޓީ އާއި އެމްއެމްއޭ ކުރިމަތީ އޮންނަ ޖެޓީއެވެ.