ސުއޫދުގެ އިސްތިއުފާއާއި ގުޅިގެން ކުރި ތުހުމަތުތަކަށް ޕީއެންސީން ރައްދު ދީފި

ސުއޫދުގެ އިސްތިއުފާއާއި ގުޅިގެން ކުރި ތުހުމަތުތަކަށް ޕީއެންސީން ރައްދު ދީފި

Author
ހުސައިން
05 މާރޗް 2025 08:34
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމަށްފަހު ފޮނުއްވި ސިޓީގައި ކުރެއްވި ތުހުމަތުތަކަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްދު ދީފައެވެ.

ފަނޑިޔާރު ސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކޮށްފައެވެ. ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުއޫދު އަމަލުކުރައްވަނީ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަމަލުކުރައްވަމުން ގެންދެވި ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި ކަމަށެވެ.

"އިސްތިއުފާ ދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީ ފޮނުއްވުމުގެ ބަދަލުގައި ރައީސަށް ސިޓީ ފޮނުއްވީ ރައީސްގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމަށް" ޕީއެންސީން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 7 އިން 5 އަށް މަދުކުރުމުގެ ބިލެއް މަޖިލީހުން ފާސްކުރީ، މެންބަރުން ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމަށް ކަމަށް ސުއޫދު ތުހުމަތުކުރެއްވިއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީ ފަދަ މިނިވަން މުވައްސަސާތައް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ރައީސް މުއިއްޒު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި "އެފަދަ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދާކަން ކަށަވަރުކުރުމެވެ" ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ސުއޫދާއި އެހެނިހެން ފަނޑިޔާރުންނާ މެދު ވެސް އަމަލުކުރަމުންދަނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް ދައްކަވަނީ ނަމޫނާއެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް ބަޔާނުގައި ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.