ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ވިސާމް އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 1 ވަނަ ދުވަހު، އެ މަޤާމުގައި 11 އަހަރު ހޭދަކުރެއްވުމަށް ފަހުގައެވެ. އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓަރގައި އިތުރު މަސައްކަތްތަކެއް ކުރުމަށެވެ.
މަރިޔަމް ވިސާމް ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަޤާމާ ހަވާލުވެވަޑައިގަތީ 2014 ވަނަ އަހަރުއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީވެސް ހާސިލްކުރައްވާފައެވެ.
ވިސާމްގެ ކެރިއަރގައި، މީގެކުރިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި އޭގެ އިތުރުން އެ ތަނުގެ މެނޭޖަރުގެ މަޤާމާއި ޑެޕިއުޓީ މެނޭޖަރުގެ މަޤާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.