ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުއްދަ ނެތި، ސަރުކާރުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުނުކުރަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕަށް އެންގިކަމަށް ބުނެ ނޫސްތަކުގައި ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި އޮތް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެފަދަ އެންގުމެއް އެންގިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވީނަމަވެސް، ޕީޖީ ލީޑަރު އިބްރާހީމް ފަލާހް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
ބާރަށު ދާއިރާގެ މެމްބަރު އަދި ޕީޖީ ގްރޫޕުގެ ސީނިއާ ނައިބު އިބްރާހީމް ޝުޖާޢު ވެސް މިކަން ދޮގުކުރައްވަމުން ވިދާޅުވެފައިވަނީ ނޫސްތަކުގައި ފެތުރިފައިވަނީ ބުހުތާނު ދޮގެއްކަމަށެވެ. ޝުޖާޢު ވިދާޅުވިގޮތުގައި މަޖިލީހަށް ހާޒިރުކުރަންޖެހޭ މީހުން ނިންމާނީ މަޖިލީހުންނެވެ. އަދި އެފަދަ ކަމެއް ޕީއެންސީ ޕީޖީއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނާންގަވާ ކަމަށާއި ނުވެސް އަންގަވާނެ ކަމަށެވެ.
އިތުރަށް ޝުޖާޢު ވިދާޅުވެފައިވަނީ، ކުރީ ސަރުކާރުގެ ވެރިންނާއި މި ސަރުކާރުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ފަސްނުޖެހޭނެ ކަމަށެވެ.