ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ. މި އެވޯޑު ދިރާގަށް ލިބިފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މޯބައިލް ވޯލްޑް ކޮންގްރެސްގައެވެ.
މޯބައިލް ވޯލްޑް ކޮންގްރެސްއަކީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ. އޫކްލާއިން ދޭ "ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ދިރާގަށް ލިބުމުން ދައްކުވައިދެނީ އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރެވެ.
ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނީ، އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުޙައްމަދު މުސްޢަދެވެ.
"މިއީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ކާމިޔާބީން ދައްކުވައިދެނީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ،" ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދު ވިދާޅުވިއެވެ.
ދިރާގަކީ 2019 ވަނަ އަހަރު، ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ސާވިސް ޕްރޮވައިޑާއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް 5ޖީ ނެޓްވޯކު ފޯރުކޮށްދީފައެވެ.
އިސްމާޢީލް ރަޝީދު ވިދާޅުވިގޮތުގައި ދިރާގުގެ ހަލުވި 5ޖީ އާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެ، ކުރިއެރުމަށް އެހީއަކަށް ވާނެއެވެ. އަދި ދިރާގުން އަބަދުވެސް ދާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިރާގުން ވަނީ އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް" އެވޯޑް، ފާއިތުވި ދެ އަހަރު ވެސް ހޯދައިފައެވެ.