ލ. ފޮނަދޫގެ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، އެ ރަށަށް ފެނުގެ ޚިދުމަތް އަލުން ދިނުމަށް ފަށައިފިއެވެ.
ފެނަކައިން މިއަދު އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފޮނަދޫ ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކޮށް، ރަށުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ދޭން ފަށައިފި ކަމަށެވެ. ފެން ޕްލާންޓް ހަލާކުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުއެވެ.
ފެނަކައިން އިތުރަށް ބުނެފައިވަނީ، ފެން ޕްލާންޓް މަރާމާތުކުރުމަށް ބޭނުންވި ސާމާނު ފޮނުވުމުގައި މޯލްޑިވިއަން އެއަރލައިންސްއިން ދިން އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ފޮނަދޫގެ ރައްޔިތުންގެ ކެތްތެރިކަމާއި ނަމޫނާއަށްވެސް އެ ކުންފުނިން ޝުކުރު އަދާކޮށްފައިވެއެވެ.
ފޮނަދޫ ކައުންސިލުން "މިހާރު" އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފެން ޕްލާންޓަށް މައްސަލަ ދިމާވެ ފެން އުފެއްދުން ހުއްޓިފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެކަން ފެނަކައަށް ވަނީ އެންގިފައެވެ. ނަމަވެސް ޕްލާންޓުގައި ރައްކާކޮށްފައިވާ ހުރިހާ ފެން ހޮނިހިރު ދުވަހުގެ ރޭ ހުސްވުމާއެކު، ފެނުގެ ޚިދުމަތް މެދުކެނޑުނެވެ.
ކައުންސިލުން އިތުރަށް ހާމަކުރެއްވި ގޮތުގައި، 3,000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފޮނަދޫގެ ގިނަ ގޭބިސީތަކަށް ދެ ބާވަތުގެ ފެން ލިބެމުންދެއެވެ. ފެން ޕްލާންޓަށް އެކަނި ބަރޯސާވެފައިވަނީ މަދު ގޭބިސީތަކެކެވެ.