މާލެއަށް އިއްޔެ ކުރި ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ނަޖިސް ބޭރުވުމުގެ ހާދިސާތައް ހިނގުމާ ގުޅިގެން ހަތަރު ގެއެއްގައި ދިރިއުޅެމުންދިޔަ 40 މީހުންނަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި، އިއްޔެ އާއި ރޭ މާލެ އަށް ކުރި ބޯ ވިއްސާރައިގައި ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެފައިވާއިރު، ނަޖިސް ބޭރުވުމުގެ ސަބަބުން ހަތަރު ގެއެއްގެ ރައްޔިތުން ރައްކާތެރި ތަންތަނަށް ބަދަލުކުރަންޖެހުނެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން މާލެ އަށާއި އަތޮޅުތެރޭގެ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށް އެ އިދާރާއިން ބުނެއެވެ.
ކ. އަތޮޅުގެ ހިންމަފުށި، ހުރާ އަދި ގުރައިދޫއަށް ބޯކޮށް ވާރޭވެހިފައިވާކަމަށާއި، ތުލުސްދޫގައި ފެންބޮޑުވެ ބައެއް ގެތަކުން ނަޖިސް ލީކުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެންޑީއެމްއޭ އިން ހާމަކުރިއެވެ.
މޫސުމާ ބެހޭ އިދާރާއިން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދުގެ 11:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް މެންދުރު 1:30 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާކަމަށް ހާމަކުރެވުނެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެންބޮޑުވުން އެކަށީގެންވާކަމަށް އެ އިދާރާއިން އަންގާފައިވެއެވެ.
ފަތިހުގެ ވަގުތެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކުރިގޮތުގައި މާލޭގެ ހަ ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި 85 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 707 ވެލި ބަސްތާ ޖަހައިދީފައިވާކަމަށް އެ ފަރާތުން ބުންޏެވެ.
ކޮމެންޓު ފޮނުވާ