ފަލަސްތީނުގެ މައްސަލައިގައި އައިސީޖޭއަށް ރާއްޖެއިން ބަޔާން ހުށަހަޅައިފި

ފަލަސްތީނުގެ މައްސަލައިގައި އައިސީޖޭއަށް ރާއްޖެއިން ބަޔާން ހުށަހަޅައިފި

ގުޅުންހުރި

މާލެ، 1 މާރިޗު 2025 – އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓަށް ލިޔުމުން ބަޔާނެއް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ އދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް އިސްރާއިލުން ހުރަސް އަޅަމުން ގެންދާތީ ހުށަހެޅުނު މައްސަލައެކެވެ. ޚާއްޞަކޮށް ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދ.ގެ މައި ޖަމިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އޭޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރުޑަބްލިއުއޭ) ގެ މަސައްކަތްތައް ހުއްޓުވާލުމަށް ޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާ ގުޅިގެންނެވެ.

މި މައްސަލަ ހުށަހެޅިފައިވަނީ އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އދ.ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމާ ގުޅިގެންނެވެ.

ރާއްޖެއިން މިއަދު ހުށަހެޅި ބަޔާނުގައި، އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ބައެއް މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް ވެސް އަލިއަޅުވާލާފައިވާކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން، އދ.ގެ މެންބަރެއްގެ ޙައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްޞީލުކޮށް، ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއިލުން އެ ޖަމްޢިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ވެސް ބަޔާނުގައި އަލިއަޅުވާލާފައިވާކަން އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ފެށުނީއްސުރެ ވެސް ގަބޫލުކުރަނީ، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތަކާއި އަސާސީ ޙައްޤުތަކުން މަޙުރޫމްވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ އަމިއްލަ ދައުލަތެއް ބިނާކުރުމަށާއި، ސަރަޙައްދުގެ އަމަންއަމާންކަމަށާއި ހަމަޖެހުމަށް ހުރަސްއެޅެމުންދާކަމަށާއި، އިސްރާއީލުގެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއްކަމަށް ބަޔާން ކުރެއެވެ. މި ކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެހެން މައިދާންތަކުގައި ވެސް ކެނޑިނޭޅި ވަކާލާތުކުރަމުންނެވެ.

ދިވެހި ސަރުކާރުން ދެކޭގޮތުގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމެވެ. އެހެންކަމުން، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އޭޖީ އޮފީހުން ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ