އެމްޑަބްލިއުއެސްސީން ފެން ބިލުތަކުން މި ރޯދަ މަހު ވެސް 10 ޕަސެންޓް ޑިސްކައުންޓު ދޭނެ

އެމްޑަބްލިއުއެސްސީން ފެން ބިލުތަކުން މި ރޯދަ މަހު ވެސް 10 ޕަސެންޓް ޑިސްކައުންޓު ދޭނެ

Author
ހުސައިން
28 ފެބްރުއަރީ 2025 08:32
0

ފެން ކުންފުނި އެމްޑަބްލިއުއެސްސީން ރަމަޟާން މަހު ކަސްޓަމަރުންނަށް ފޮނުވާ ފެން ބިލުތަކުން 'އާންމު މަހަކަށް ވުރެ ބޮޑުނުވާނެ ގޮތުގެ މަތިން' ޑިސްކައުންޓު ދޭނެ ކަން ހާމަކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިފެށޭ ރަމަޟާން މަހުގައިވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުމަށް ވައުދުވެވަޑައިގެންފައެވެ. ރައީސްގެ ވައުދާއި އެއްގޮތަށް، އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރަމަޟާން މަހު ފެން ބިލުން ޑިސްކައުންޓު ދޭނެ ގޮތްތައް އާންމުކޮށްފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން، 'އާންމު މަހެއްގައި' ފެން ބިލުގެ މިންވަރަކީ މިދިޔަ އަހަރުގެ ފެބްރުއަރީ، މާޗް އަދި އޭޕްރިލް ފިޔަވައި ބާކީ ނުވަ މަހުގެ އެވަރެޖް ކަމުގައެވެ. އަދި 'އާންމު މަހުގެ' ބިލަށް ވުރެ އޭޕްރިލް މަހުގެ ބިލު ބޮޑު ނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި އޭޕްރިލް މަހު އުނިކޮށްދެވޭނެއެވެ. އުނިކޮށްދެވޭ މިންވަރު އޭޕްރިލް މަހުގެ ބިލުގެ 10 ޕަސެންޓަށް ވުރެ ކުޑަ ނަމަ، އެ އަދަދު 10 ޕަސެންޓާ އެއްވަރަށް މަތިކޮށްދެވޭނެއެވެ.

އިތުރަށް ބަޔާނުގައި ބުނެފައިވާ ގޮތުން، އޭޕްރިލް މަހުގެ ބިލު 'އާންމު މަހަށް' ވުރެ ކުޑަ ނަމަ، 10 ޕަސެންޓު ޑިސްކައުންޓު ދެވޭނެއެވެ. އަދި އޭޕްރިލް މަހު އަލަށް ބިލުކުރެވޭ މީޓަރުތަކަށާއި، ކުރިން ރަޖިސްޓްރީކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލުކުރެވިފައިނުވާ ކަސްޓަމަރުންނަށް ފުރަތަމަ ފޮނުވާ ބިލަކީ އޭޕްރިލް މަހު ފޮނުވާ ބިލު ކަމުގައިވާ ނަމަ، އެ ފަރާތްތަކަށް ވެސް 10 ޕަސެންޓު ޑިސްކައުންޓު ދެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ކެއާ (105) އަށް ގުޅުމަށް، ނުވަތަ 1050 އަށް މެސެޖުކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.

މި ރަމަޟާން މަހު ކަރަންޓު ބިލުތަކުން މަދުވެގެން 10 ޕަސެންޓު ޑިސްކައުންޓު ދޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި މިދިޔަ ރަމަޟާން މަހު ވެސް ފެނާއި ކަރަންޓުން 10 ޕަސެންޓު ޑިސްކައުންޓު ދީފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.