ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ޓެސްކްސް ނުނެގޭނެ ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދެކެވޭ ވާހަތަކަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ ޓެކްސް ނެގުމަކީ އިސްލާމީ ތާރީހުގެ އެންމެ ކުރިން ފެށިގެން އޮތް ނިޒާމެއްކަމަށެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދުމަށާއި، ރައްޔިތުންގެ ކަންމަށް ހޭދަ ކުރުމަށް ޓެކްސް ނެގުމަކީ ހުއްދަ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް. ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރުފްވެފައިވާ މާލީ ނިޒާމެއް. ދައުލަތުގެ ވާޖިބަކަށްވާންވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރިގޮތުގައި ޓެކްސްގެ ބޭނުންކުރުން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
ޓްވިޓާގައި އާއްމު ވެގެން އުޅޭ ވީޑިއޯއެއްގައި ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވީ މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ޓެކްސް ނުނެގޭނެ ކަމަށެވެ.
ކުޑަކުޑަ މިސާލެއް ބައްލަވާ. މިނެގޭ ޓެކްސްތައް. އެކި ނަންނަމުގައި މިނެގޭ ޓެކްސްތައް. ކަނޑައެޅިގެން މިދަންނަވަނީ ޓެކްސްއަކީ ޙަރާމް އެއްޗެއް. އިލްމުވެރިން އެއޮތީ އެއާއިމެދު ފަތުވާ ދެއްވާފައި.
– އިލްޔާސް ޖަމާލް ވިދާޅުވިއެވެ.
އިލްޔާސް ޖަމާލްގެ ވީޑިއޯ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ދީނީ އިލްމުވެރިންނާއި، ސިޔާސީ ބޭފުޅުންގެ ބޮޑެތި ފާޑިކުޔުންވަނީ އިލިޔާސަށް އަމާޒުވެފައެވެ. ރާއްޖޭގައި2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް އިންތިޚާބު ވުމަށްފަހު ރާއްޖޭގައި ވަނީ ޓެކްސްގެ ނިޒާމު ތަޢާރަފްކޮށް، ދައުލަތް ހިންގުމަށް ޓެކްސް ފައިސާ ލިބޭނެމަގު ތަނަސްކޮށްދެއްވާފައެވެ. މިނި ނިޒާމާއިއެކު ދައުލަތް ހިންގުމަށް ބޭނުންވާ ފައިސާ ޓެކްސްގެ ޒަރީއާއިން ލިބޭ މިންވަރުވެސް ވަނީ އިތުރު ވެފައެވެ.
ކޮމެންޓު ފޮނުވާ