ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން، ކޮޅަކަށް ދެލޭން ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ

ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން، ކޮޅަކަށް ދެލޭން ހިމެނޭ ގޮތަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ

ގުޅުންހުރި

އިއްޒުއްދީން ފާލަމާ ދިލާމުން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގައި ފަޅުން ބައެއް ޝީޓް ޕައިލްކޮށްގެން ކޮޅަކަށް ދެ ލޭނު ހިމެނޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވުނު އިއްޒުއްދީން ފާލަން ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަޝްރޫޢު ރަމަޟާން މަސް ނިމުމަށްފަހު ފެށި، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރެވޭނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ޝީޓްޕައިލްކޮށްގެން ހިއްކާނެ ކަމަށާއި، މި މަސައްކަތުގައި އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމުތަކެއް ހިމެނޭ ގޮތަށް ތަރައްގީކޮށް، ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާ ހުޅުވާނެ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ މާލޭގެ އެހެން ހުރިހާ މަގުތަކާއި ވިލިމާލޭގެ ހުރިހާ މަގެއް ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރާނެ ކަމަށާއި އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި ތާރު އަޅައި ތަރައްގީކޮށްފައިވާއިރު، އެ މަސައްކަތް ކޮށްފައިވަނީ ރައީސް ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުއެވެ. ނަމަވެސް، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ރަސްފަންނާ ހަމައަށް އަދިވެސް ތާރު އަޅާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ