ކޮމިޓީގައި ބިލާ ދެކޮޅު ހެދުމަށްފަހު ތަޅުމުގައި ވޯޓު ދިނީ ޕާޓީއާއެކު ކުރިޔަށްދާން ބޭނުންވާތީ: އަނާރާ

ކޮމިޓީގައި ބިލާ ދެކޮޅު ހެދުމަށްފަހު ތަޅުމުގައި ވޯޓު ދިނީ ޕާޓީއާއެކު ކުރިޔަށްދާން ބޭނުންވާތީ: އަނާރާ

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ހުށަހެޅި ބިލަށް ޖުޑިޝަރީ ކޮމިޓީގައި ތާއީދު ނުކުރި ނަމަވެސް، ތަޅުމުގައި ވޯޓު ދެއްވީ "ޓީމާއެކު" މަސައްކަތްކުރަން ޖެހޭތީ ކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕާޓީން ހުށަހެޅި ބިލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ބަޔާންކޮށްފައިވެއެވެ.

ޖުޑިޝަރީ ކޮމިޓީން އިއްޔެ މި ބިލު ފާސްކުރިއިރު، އަނާރާ ވަނީ ބިލުގައި ހިމަނާފައިވާ ބައެއް މުއްދަތުތައް ކުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްޞަކޮށް ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ނަންތައް ހުށަހެޅުމަށް ދީފައިވާ ފަސް ދުވަހުގެ މުއްދަތަކީ ކުރު މުއްދަތެއްކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަން އިޞްލާޙެއްގެ ގޮތުގައި ހުށަނާޅުއްވާތީ މާއްދާ އޮތްގޮތަށް ފާސްކުރީއެވެ.

މިއަދު މަޖިލީހުގައި ބިލަށް ވޯޓަށް އެހިއިރު، ޖުމްލަ 79 މެންބަރުން ހާޒިރުވެ، 77 މެންބަރުން ވޯޓުގައި ބައިވެރިވިއެވެ. ބިލު ފާސްކުރީ 68 މެންބަރުންގެ ތާއީދާއެކުގައި ކަމަށްވާއިރު، 9 މެންބަރުން ވޯޓުދެއްވީ ބިލާ ދެކޮޅަށެވެ. އަނާރާ ވެސް ބިލު ފާސްކުރުމަށް ވޯޓުދެއްވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަނާރާ ވިދާޅުވީ ކޮމިޓީގައި ބިލުތަކަށް ޚިޔާލު ފާޅުކުރައްވާނެ ނަމަވެސް، މެޖޯރިޓީން ކަމެއް ނިންމާއިރު ޓީމާއެކު ދާންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަނާރާގެ މި ވާހަކަތަކާއި ގުޅިގެން ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވެއެވެ. ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޭސްބުކްގައި ވިދާޅުވެފައިވަނީ ރައްޔިތުން އިންސާފު ހޯދަން ދާންއޮތް ނިޒާމަށް "އަތްބާނާ ކަރަށް ފިތާލީމަ ވެސް" ޓީމާއެކު ދާންޖެހޭތޯ ސުވާލު އުފައްދަވައި، އެފަދަ މީހުންނަކީ އެބަޔަކު ހާސިލުކުރި އިލްމަށްވެސް ހުތުރުދޭ ބައެއްކަމަށެވެ.

މަޖިލީހުން މި ބިލު ފާސްކުރީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭގޮތަށް ގެނެސްފައިވާ ޤާނޫނު އަސާސީގެ އިޞްލާޙު ބާޠިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށެވެ. މިއަދު ހެނދުނު 11:00 އަށް އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމާމެދު ގޮތެއް ނިންމަން އަޑުއެހުމެއް ތާވަލުކޮށްފައިވީ ނަމަވެސް، އެ އަޑުއެހުން ފެށުމުގެ ކުރިން ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. މިއީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ތިން ފަނޑިޔާރުންގެ ޖިނާއީ ތަޙުޤީޤެއް ހިންގާކަން އެންގުމާ ގުޅިގެންނެވެ. ސަސްޕެންޑު ކުރެވުނު ފަނޑިޔާރުންނަކީ ހުސްނުއްސުޢޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ވެރިކަންކުރާ ޕާޓީން ޤާނޫނު އަސާސީ އިޞްލާޙު ކޮށްފައިވަނީ އެންމެ ދުވަހެއްގެ މަސައްކަތުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ 20 ވަނަ ދުވަހު ބިލުގެ ފުރަތަމަ ކިޔުން އިއްވައި، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައި، ފާސްކޮށް، ތަޅުމުން ވެސް ފާސްކޮށް، ރައީސް ތަޞްދީޤުކުރެއްވި ހަމަ އެދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ