ހަ މަސް ދުވަސްކުރިން ޒަހަމްތަކާއެކު ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއްކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ޒަކިއްޔާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިފަހުން އެރަށުގައި ފެށުނު ސިލްސިލާ މުޒާހަރާތަކާ ގުޅިގެން، އިހުސާންއާއި ފުލުހުންގެ އިސްވެރިން ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރެއްވިއެވެ.
ބައްދަލުވުމުގައި ރައްޔިތުން ކަންބޮޑުވުންތައް ފާޅުކޮށް، ސުވާލު އުފެއްދީ މަރުގެ ބައެއް މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދާއިރު، ހަށިގަނޑުގެ ބޭރުފުށުން ވެސް ގިނަ ޒަހަމްތަކެއް ފެންނަން އޮތް ޒަކިއްޔާގެ ޕޯސްޓްމޯޓަމެއް ނުހެދީ ކީއްވެގެންތޯއެވެ.
އިހުސާން ވިދާޅުވީ މީގެކުރިން ވެސް އެތައް އޮޓޯޕްސީއެއް ހަދާފައިވާ ބޭރުގެ ބޭފުޅަކު ހަށިގަނޑު ބެއްލެވި ކަމަށެވެ. ނަމަވެސް އޮޓޯޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުފޮނުވާ ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ތިބޭފުޅުން އާދައިގެ ޕެތަލޮޖިސްޓެއް ކަމަށް، އެހެންނަމަވެސް އެއީ މީގެ ކުރިން އެތައް އޮޓޮޕްސީއެއް ހަދާފައިވާ ރާއްޖޭގައި އެވަގުތު އެވައިލަބަލްކޮށް އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އޭރު އޮޓޯޕްސީ ނުހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅުކަމެއް ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ގަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ" ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮތް ދުވަހުގެ ރޭ، އޭނާގެ ހަށިގަނޑު މާލެ ގެނައެވެ. އެކަމަކު ތަހުލީލުތަކެއް ކުރުމަށްފަހު އަނބުރާ ހަށިގަނޑު ފޮނުވާލީ ރަށަށެވެ.
ފުލުހުންގެ ބައެއް އިހުމާލުތައް ވެސް ހުރިކަން މިނިސްޓަރު ގަބޫލުކުރައްވާކަން ފާހަގަކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެރަށަށް ވަޑައިގެންނެވުނީ މާލަހުން ކަމަށާއި އެކަމަށް މާފަށް އެދޭކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޒަކިއްޔާގެ މަރަށްފަހު، އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާތީ ނަފްސާނީ ބިރުވެރިކަމެއް ރަށުތެރޭގައި އެބައޮތްކަމަށް އެ ބައްދަލުވުމުގައި ބައެއް މީހުން ފާހަގަކުރިއެވެ. އެހެންކަމުން، އިހުސާން ވިދާޅުވީ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު، ނަފްސާނީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
ބޭރުގެ އެހީ ވެސް ހޯދައިގެން ތަހުގީގުކުރަމުން އަންނަ މި މަރުގެ މައްސަލާގައި ލިބެންޖެހޭ ރިޕޯޓެއް އަދިވެސް ނުލިބޭކަމަށާއި، އެ ރިޕޯޓު ލިބުމުންނާއި ރަށުގެ ރައްޔިތުންގެ ވާހަކަތައް އަޑުއަހައިގެން މައްސަލަ ތަހުގީގުކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަވަސްއަރުވާލައިގެން މައްސަލަ ބަލަން އުޅެގެން މުހިއްމު ކަންތައްތަކެއް އުނިވެދާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ތަސައްލީއެއް ލިބޭވަރުގެ ތަހުގީގެއް އަޅުގަނޑުމެން ނިންމާލާނަން" މިނިސްޓަރު ވިދާޅުވިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮތުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމުން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ. އިހުސާން ވަނީ ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. މި މައްސަލާގައި ރަށުގެ މީހުން، އޭނާގެ ފިރިމީހާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު މިހާތަނަށް ފިރިމީހާގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.