ޒަކިއްޔާ މޫސާގެ މަރުގެ ތަޙުޤީޤުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިމަށް ހޯމް މިނިސްޓަރު އެއްބަސްވެވަޑައިގެންފި

ޒަކިއްޔާ މޫސާގެ މަރުގެ ތަޙުޤީޤުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިމަށް ހޯމް މިނިސްޓަރު އެއްބަސްވެވަޑައިގެންފި

ގުޅުންހުރި

ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަޙުޤީޤުގައި ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން ހޮޅުދޫއަށް ވަޑައިގަތުން ލަސްވެފައިވާ ކަމަށާއި، އެކަމަށްޓަކައި ހޮޅުދޫގެ އެންމެހައި ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިފަދަ ކަންކަން މިއަށްވުރެ ރަނގަޅަށް އަދި ފުރިހަމައަށް ކުރެވެންވާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އަދި ފުލުހުންގެ އިސްވެރިން މިރޭ ވަނީ ހޮޅުދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޒަކިއްޔާގެ މަރާ ގުޅިގެން ރައްޔިތުން ކަންބޮޑުވުންތައް ފާޅުކޮށް، ތަޙުޤީޤު ލަސްވާތީ ސުވާލު އުފައްދާފައިވެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނަހަދާ ދޫކޮށްލި ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ޤަބޫލުކުރަން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަ އަޅުގަނޑުމެންނަށް މިއަދު މި ވާހަކައެއް ނުދައްކާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިނިސްޓަރު އިތުރަށް ވިދާޅުވީ "ތިބޭފުޅުން ވިދާޅުވި ފުލުހުންގެ ބައެއް އިހުމާލުތައް، އަޅުގަނޑު ޤަބޫލު ކުރަން ބައެއް ކަންކަން އެބަހުރިކަން،" އަދި މިކަންކަން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުން މިބައްދަލުވުމުގައި ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ ރަށުގައި ނަފްސާނީ ބިރުވެރިކަމެއް އުޅޭކަން ފާހަގަކޮށްފައިވެއެވެ. އިހުސާން ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު ނަފްސާނީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ. "އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ތަސައްލީއެއް ލިބޭވަރުގެ ތަޙުޤީޤެއް އަޅުގަނޑުމެން ނިންމާލާނަން." މިނިސްޓަރު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ އެމައްސަލައިގައި ފުލުހުންގެ އިހުމާލު އޮތްކަމަށް އާންމުން ޤަބޫލުކުރާތީ، އެމައްސަލަ ބައްލަވާނެކަމަށެވެ. އޭނާ ވިދާޅުވީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ބަލަމުން އަންނަ މި މައްސަލަ އިތުރަށް ދިގުލައިގެންދާތީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމަށް ޤަބޫލުކުރައްވާކަމަށެވެ. "މިކަމުގައި ދުވަސް ނަގަނީ މިކަމުގެ ހައްސާސްކަމާއި އަދި ތިދެންނެވި ގޮތަށް މި މަރުވެފައި އޮތް ގޮތް އަޅުގަނޑުމެންނަށް ވެސް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ޤަބޫލުނުކުރެވޭތީ އިނގޭތޯ. އޭގެ ޙަޤީޤަތް ހޯދުމަށްޓަކައި ކުރާ މަސައްކަތް. އެ މަސައްކަތުގައި މި ވަގުތު ނަގަނީ. އެހެންވީމަ މަސައްކަތް ނިންމާފައި އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް އަޅުގަނޑުމެން ހާމަކުރާނަން،" ޝުޖާޢު ވިދާޅުވިއެވެ.

ފުލުހުން ބުނާގޮތުގައި ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަޙުޤީޤަށް ފާހަގަކުރެވިފައި ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާރު ފުލުހުން ވަނީ ޒަކިއްޔާގެ މަރުގެ ތަޙުޤީޤަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާކަމަށްވެސް ހާމަކޮށްފައެވެ. ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން އަދި ކަށަވަރުނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މާދަމާ ޒަކިއްޔާގެ ޢާއިލާއާއި ކައުންސިލާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށާއި، ޢާއިލާގެ ރުހުމާއެކު ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ތަފްޞީލުތައްވެސް އާންމުންނަށް ހިއްސާކުރެވޭނެކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޒަކިއްޔާ މޫސާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ ރަށުގައި ދަނީ އިހުތިޖާޖުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަށު ރައްޔިތުން ދެކޭގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ނޫންކަމަށާއި، އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެކަމަށް ބުނެފައިވެއެވެ. އަދި ޒަކިއްޔާގެ ހަށިގަނޑުގައި ހުރި ނިޝާންތަކުން، އޭނާ އަމިއްލައަށް އެވަރު ނުކުރެވޭނެކަމަށް ރައްޔިތުން ދެކެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ