ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ހައިބްރިޑް މޮޑެލްއެއްގައި 144 ހިއްސާދާރުންނާއެކު ބާއްވައިފިއެވެ. ޖުމްލަ 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުން ބައިވެރިވި މި ޖަލްސާގައި ހުށަހެޅުނު ހުރިހާ ރިޒޮލިއުޝަންތަކެއް ހިއްސާދާރުންގެ އަޣުލަބިއްޔަތުން ފާސްކުރިއެވެ.
ޖަލްސާގައި ފާސްކުރެވުނު ރިޒޮލިއުޝަންތަކުގެ ތެރޭގައި 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމާއި، 2024 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމާއި، 2025 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމާއި، 2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުން ހިމެނެއެވެ.
މިދިޔަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރަށްވުރެ 5.9 ޕަސަންޓުގެ އިތުރުވުމެކެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ 5.1 ޕަސަންޓުގެ ކުރިއެރުމަކާއެކު އީބިޓްޑާ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ 5.5 ޕަސަންޓުގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.
ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކުރުމުގެ ގޮތުން ދިރާގުން ވަނީ މިދިޔަ އަހަރު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 574 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70ރ. ދިނުމަށް ހުށަހަޅައި ފާސްކޮށްފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66ރ. އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04ރ. ހިމެނެއެވެ.