އާދިއްތަ ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ޙިޒްބުﷲގެ ކުރީގެ އިސްވެރިޔާ ޙަސަން ނަޞްރުﷲގެ ޖަނާޒާ އާއި ޙިޒްބުﷲގެ އިސް މެންބަރު ހާޝިމް ސަފީއުއްދީނުގެ ޖަނާޒާ ރަސްމިއްޔާތު ބައްވައިފިއެވެ. ލުބްނާންގެ ސަރުކާރުގެ ނޫސް އެޖެންސީ އެން.އެން.އޭ އިން ހާމަކުރި ގޮތުގައި މި ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ކަމީލް ޝަމޫން ސްޕޯޓްސް ސިޓީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ހަރުދަނާ ސަލާމަތީ ފިޔަވަޅުތަކެއް އެޅިފައިވެއެވެ.
ޖަނާޒާގައި ވާހަކަފުޅު ދައްކަވަމުން ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނައީމް ޤާސިމް ވިދާޅުވީ އިސްރާއީލުން ހުޅަނގު ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ޙިޒްބުﷲއިން އެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ ސިޔާސީ އަދި އަސްކަރީ މަޤްޞަދެއް ނެތި ހަނގުރާމަ ދިގުދެމިގެން ދިއުމުގެ މަސްލަހަތެއް ނެތުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ކަމަށެވެ.
އިސްރާއީލުން ހުޅަނގު ލުބުނާނުން ފައުޖު އަނބުރާ ގެންދިއުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާތީ، މިހާރު މިކަމުގެ ޒިންމާ އުފުލަންޖެހެނީ ލުބުނާނުގެ ދައުލަތުން ކަމަށް ޤާސިމް ވިދާޅުވިއެވެ. އިސްރާއީލުން އަދިވެސް ހުޅަނގު ލުބުނާނުގެ ބައެއް ސަރަޙައްދުތައް އޮކިއުޕައި ކޮށްގެން ތިބިކަން ފާހަގަކުރައްވައި، ޙިޒްބުﷲ ވަރަށް ވަރުގަދަ އަދި ފުރިހަމައަށް ތައްޔާރަށް ތިބިކަމުގެ އިންޒާރެއް ދެއްވިއެވެ.
ހަމާސްއިން އޮކްޓޯބަރު 7 ގައި ހިންގި ހަމަލާއާ ގުޅުމެއް ނެތްކަމަށާއި، އިސްރާއީލުން ލުބުނާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމަށް ކުރިން ރާވާފައިވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ލުބުނާނުގެ އިސްވެރިންނަށް އިސްރާއީލުން އަދި އެމެރިކާއިން ފޯރުކުރާ އެއްވެސް ބާރަކުން އަސަރެއް ނުކުރާނެ ކަމަށާއި، "ހަނގުރާމައިން ހާސިލުކުރަން ނުކުޅެދުނު ކަންކަން، ސިޔާސީ ގޮތުންވެސް ހާސިލެއް ނުކުރެވޭނެ" ކަމަށް ވިދާޅުވިއެވެ.
ނޮވެމްބަރު 27 އިން ފެށިގެން ޢަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، ސެޕްޓެމްބަރުގައި ފުޅާވެގެން ދިޔަ އިސްރާއީލާއި ޙިޒްބުﷲއާ ދެމެދުގެ ބޯޑަރު ހަނގުރާމައަށް ނިމުމެއް ގެނައި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން، ޖެނުއަރީ 26 ގެ ކުރިން އިސްރާއީލުން ހުޅަނގު ލުބުނާނުން ފައުޖު އަނބުރާ ގެންދަން ޖެހުނު ނަމަވެސް، އިސްރާއީލުން އެކަން ނުކުރުމާ ގުޅިގެން މުއްދަތު ފެބްރުއަރީ 18 އަށް އިތުރުކުރެވުނެވެ. އިސްރާއީލުގެ ސިފައިން ވޭތުވެދިޔަ ހަފްތާގައި ހުޅަނގު ލުބުނާނުގެ ރަށްތަކުން އަނބުރާ ގެންދިޔަ ނަމަވެސް، ބޯޑަރުގައި ހުރި ޢަސްކަރީ 5 މަރުކަޒެއްގައި އަދިވެސް ސިފައިން ތިބިކަން ފާހަގަކުރެވެއެވެ.