މިއަހަރުގެ ރޯދަމަހު ބީއެމްއެލްގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ. އެގޮތުން މާޗް 2025 އިން ފެށިގެން ކަސްޓަމަރުންނަށް މި ލުއިފަސޭހަކަން ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ.
މިގޮތުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް އެކައުންޓް ހުޅުވުމުގެ ހިދުމަތް އޮންލައިންކޮށް ލިބޭނެއެވެ. އަދި މިހާރު އެކައުންޓް އޮންނަ ފަރާތްތަކަށްވެސް އިތުރު އެކައުންޓް ހުޅުވުމުގެ ފުރުސަތު އޮންލައިންކޮށް ލިބިގެންދާނެއެވެ. މީގެއިތުރުން ގެދޮރު ގަތުމާއި، އިމާރާތްކުރުމާއި އަދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ލޯނަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ލިބިގެންދާނެއެވެ.
ރާއްޖެއިން ބޭރުން އަންނަ 10 ހާސް ޑޮލަރުން ދަށުގެ ފައިސާ ވަގުތުން ވެރިފައި ކުރުމަށްފަހު އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތެރެއިން ފަސް ހާސް ޑޮލަރުން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ވިޔަފާރިތަކުން ނަގުދު ފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި ބިޒްނަސް ކާޑުން ފައިސާ ނެގޭނެ އަދަދު ދެ ލައްކަ ރުފިޔާއަށް އިތުރުކުރެވިގެންދާނެއެވެ.
ބޭންކުން މިހާރު ދޭ ހިދުމަތްތަކަށް އިތުރު ފަސޭހަތަކެއް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން ކާޑު ނެގުމަށް ބޭންކަށް ދާންނުޖެހޭ ގޮތަށް ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވެއެވެ. މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް ޕިން ބަދަލުކުރެވޭނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށެވެ.
ބޭންކުގެ ކާޑުތަކުން، ޕީ.އޯ.އެސް ނުވަތަ އޮންލައިން ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދެވޭނެއެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ އެއް ގަޑިއިރު ތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދެވޭނެއެވެ.
ކުންފުނިތަކާއި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ހިދުމަތްތައް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ކަސްޓަމަރުން ބޭންކާ މުއާމަލާތްކުރުމަށް 24 ގަޑިއިރުގެ ހިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ މެދުވެރިކޮށްވެސް މުއާމަލާތްކުރެވޭނެއެވެ.
ބޭންކުގެ މިހާރުގެ 24 ގަޑިއިރުގެ ޑިޖިޓަލް ހިދުމަތްތައް އެއްވެސް ބަދަލެއްނެތި ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ނެގުން، ފައިސާ ޓްރާންސްފާކުރުން، ލޯނާއި ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން، މުދާގަތުމަށާއި ހިދުމަތްތަކަށް ފައިސާ ދެއްކުން، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން، ލުއި ލޯނާއި ފައިނޭންސް ދޫކުރުން، ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން، އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކްކުރުމާއި ޒަކާތް ދެއްކުން ހިމެނެއެވެ.
ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ބަންދު ދުވަސްތައް ފިޔަވައި ބޭންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ. އަދި 27 އަދި 29 މާޗް ފިޔަވައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ހިދުމަތެއް ދިން ނަމަވެސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެއެވެ.