ރާއްޖޭގެ 6 ރަށެއްގައި މިއަހަރު އަލަށް އިމާރާތްކުރުމަށް ނިންމާފައިވާ މިސްކިތްތަކުގެ ޑިޒައިން މިއަދު އާންމުކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިއަހަރު އަލަށް މިސްކިތްތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން ބައެއް ރަށްތަކަކީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫ ކަމަށެވެ.
އެގޮތުން އެ މިސްކިތްތަކުގެ ކުރެހުންތަކާއި އެކު ނޫސްވެރިންގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ ކަމަށެވެ. އަދި މިސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކުގައި ކަން ވަނީ ފާހަގަކޮށްފައި އެވެ.
އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި 2025 ގައި އަލަށް އިމާރާތްކުރޭ މިސްކިތްތަށް. މި މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ. pic.twitter.com/TZKmQS2j8U
— Ministry of Islamic Affairs (@MVIaffairs) February 19, 2025
މި މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެއް ކަމަށާއި މަޝްރޫޢުތަކުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިއަދު އާންމުކުރި ކުރެހުންތަކަކީ މި ފަހުން ޑިޒައިންކޮށްފައިވާ ކުރެހުންތައްކެއް ކަމަށާއި ކުރަހާފައިވަނީ ރިޔަން އިން ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތް ކަމަށެވެ.