ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މަޝްރޫއުގެ ދަށުން ބޭރު ތޮށި ޖެހުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައި ކަމަށާއި، ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ 82 އިންސައްތަ އަދި ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ 87 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ.
26.27 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރިއަށްދެއެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މިގޮތުން، ބޭރު ތޮށި ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި، ރެވެޓްމަންޓް ޕްރޮފައިލްކުރުމުގެ މަސައްކަތުގެ %82 މަސައްކަތާއި، ގޮނޑުދޮށަށް ވެލި ފުރުމުގެ މަސައްކަތުގެ %87… pic.twitter.com/08R3l0ncEx
— MTCC Plc (@MTCCPlc) February 18, 2025
ރަތަފަންދޫގެ 1385 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި، ރަށުގެ އެތެރޭގެ ބޮޑުބަޔަކަށް ވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. މި ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރިއުޅޭ ގޯތިތަކަށް އެކި ވަރުގެ ގެއްލުން ލިބި، ގިރާ ސަރަޙައްދުގައި ދިރިއުޅުނު ގިނަ ރައްޔިތުން ވަނީ ރަށުގެ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ.
މި ދަތި މައްސަލަ ހައްލުކުރުމަށް ސަރުކާރުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި މި މަޝްރޫއު ނިމުމުން، ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުން އުންމީދު ކުރެއެވެ.
ކޮމެންޓު ފޮނުވާ