ޖަވާބުދާރީވުމަށް އިހްސާނަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިފި

ޖަވާބުދާރީވުމަށް އިހްސާނަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމަށް އާންމު ކޮމިޓީން މިއަދު ނިންމާފައިފި

ގުޅުންހުރި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމާފައިފިއެވެ.

މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި، ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެފައިވަނީ މިނިސްޓަރ އިހްސާންގެ މައްޗަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކުގެ އަސްލު އޮޅުންފިލުވޭނީ އެކަށީގެންވާ ފުރުސަތެއް ދީގެން ކަމަށާއި، އެގޮތުން މަދުވެގެން އެއް ގަޑިއިރުގެ ވަގުތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީ އިން މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެކްސްޕެޓް ސިސްޓަމާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ. އެމްޑީޕީން ތުހުމަތު ކުރައްވާ ގޮތުގައި ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ މި ސިސްޓަމް ހަވާލުކުރުމުގައި މިނިސްޓަރ އިހްސާންގެ އަތެއް ވާކަމަށާއި، ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވާކަމަށް ވެސް ތުހުމަތު ކުރެއެވެ.

މީގެއިތުރުން، ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ރައްޔިތުންގެ ޒާތީ މައުލޫމާތު އެ ފަރާތްތަކުގެ ހުއްދައަކާ ނުލައި ޕީއެންސީއަށް ވައްދާފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން އިހްސާންގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ މިނިސްޓަރަށް އެއް ގަޑިއިރުގެ ފުރުސަތަކާއި، ޕާޓީތަކަށް ބަހުސްކުރުމަށް 30 މިނެޓްގެ ވަގުތު ދިނުމަށް ފާސްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ