ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 228 ސިޔާސީ މުވައްޒަފުންނާ ބެހޭ މަޢުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމާ ގުޅިގެން، ސަރުކާރުން އެންމެ ފަހުން އެ މަޢުލޫމާތު ހާމަކުރަން ނިންމައިފިއެވެ.
މި މައްސަލައިގައި ސަރުކާރުން ކުރިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ގެންދިއުމަށް ބަންޑާރަނައިބު އަހްމަދު އުޝާމު ނިންމަވާފައިވާ ކަމަށް އެމަނިކުފާނު އެކްސްގައި ހާމަކުރެއްވިއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމާ އެއްގޮތަށް މި މަޢުލޫމާތު ހޯދުމަށް އެދުނު ފަރާތަށް ރައީސް އޮފީހުން މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އުޝާމު ވިދާޅުވިއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ވަކިކުރެވުނު ކަމަށް ބުނާ 228 މުވައްޒަފުންގެ މަޢުލޫމާތު ހާމަކުރުމަށް އައިކޮމްއިން އަންގާފައިވާއިރު، މިހާތަނަށް އެ މުވައްޒަފުންގެ ނަންތައް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އެ މުވައްޒަފުންގެ މަޤާމުތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ. އެގޮތުން ވަކިކުރެވުނު މުވައްޒަފުންގެ ތެރޭގައި ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެއެވެ.