ގއ. ވިލިނގިލީގައި ހިނގި ދެމައިން ނިޔާވި ހާދިސާއާ ގުޅޭ ތަހުގީގު އަވަސްކުރުމަށް ރަށު ކައުންސިލުން ގޮވާލައިފި

ގއ. ވިލިނގިލީގައި ހިނގި ދެމައިން ނިޔާވި ހާދިސާއާ ގުޅިގެން އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށާއި މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އެރަށު ކައުންސިލުން ގޮވާލާއިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު، ވިލިނގިލީ ޒަމާނީވިލާ ފާތިމަތު ޝިއުނާ ވިހެއުމަށްފަހު ގިނައިރުތަކެއް ނުވަނީސް ނިޔާވެ، އޭނާގެ ތުއްތު ދަރިފުޅު ވެސް ދުނިޔެ ދޫކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގއ. އަތޮޅު ހޮސްޕިޓަލަކީ އެ ސަރަހައްދުގެ މުޅި އާބާދީއަށާއި، ޓުއަރިސްޓު ރިސޯޓުތަކަށާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށާއި، ކޫއްޑޫ އެއަރޕޯޓަށް ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލެވެ. އެހެންކަމުން، މި ހޮސްޕިޓަލަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮފެޝަނަލް މުއައްސަސާއަކަށް ވާންޖެހޭކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުން ސިއްހީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް ކުރިނަމަވެސް، އޭގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބޭނީ އެކަމާ ހަވާލުވެ ތިބޭ ފަރާތްތައް ޒިންމާދާރުކުރުވައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިގޮތުން، ފާތިމަތު ޝިއުނާއާއި އޭނާގެ ދަރިފުޅުގެ މަރުގެ ތަހުގީގު އަވަސްކުރުމަށް ސިއްހީ ވުޒާރާއާއި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ގޮވާލައި، އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ވިލިނގިލީ ރައްޔިތުން ދަނީ އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި މިކަމާ ގުޅިގެން މިއަދު ވިލިނގިލީގައި އިހުތިޖާޖެއް ވެސް ބޭއްވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *