އައިލެންޑް އޭވިއޭޝަން އިން ކުންފުނީގެ ޑެހެވިލޭންޑް ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓެއް ވިއްކާލުމަށް ނިންމައި، ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. މި ބޯޓަކީ 50 ފަސިންޖަރުންނަށް ދަތުރުކުރެވޭ، 2000 ވަނަ އަހަރު އުފައްދާފައިވާ ބޯޓެކެވެ. މީގެ އިތުރުން މި ބޯޓުގައި ޕައިލެޓާއި ކޯޕައިލެޓާއި އަދި ދެ ކުރޫއިންގެ ޖާގަ ހިމެނެއެވެ.
އައިއޭއެސްއިން އަންގާފައިވާ ގޮތުގައި، ބޯޓު ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފެބްރުއަރީ 28 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންވާނެއެވެ. ހުށަހެޅޭ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، ބޯޓު ގަންނާނެ ފަރާތެއް މާރޗް 15 ގައި އިޢުލާނު ކުރާނެ ކަމަށް ބުނެފައިވެއެވެ. މި ބޯޓު ޑެލިވަރީ ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައެވެ.
ބޯޓުގެ އަގު ކަނޑައެޅިފައިވަނީ 300,000 އެމެރިކާ ޑޮލަރަށެވެ. ބޯޓު ގަންނަން ހޮވޭ ފަރާތުން 100,000 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެއެވެ. އަދި ބޯޓު ގަތުމަށް ހޮވޭތާ ތިން ދުވަހުގެ ތެރޭގައި އެންމެހައި ފައިސާ ދައްކައި ނިންމަންޖެހޭނެއެވެ. މީގެ އިތުރުން، ބޯޓު ގެންދިއުމާ ގުޅޭ އެންމެހައި ޚަރަދުތައް ކުރަންޖެހޭނީ ބޯޓު ގަންނަ ފަރާތުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އައިލެންޑް އޭވިއޭޝަނުން މި ބޯޓު ވިއްކާލުމަށް ނިންމާފައިވަނީ، ޖެނުއަރީ 6 ވަނަ ދުވަހު އެއާބަސް މަރުކާގެ ވައިޑްބޮޑީ މަތިންދާބޯޓެއް އެ ކުންފުންޏަށް ގެނައުމަށްފަހުގައި ކަމެވެ.