ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހާއްސަ ހިޔާތަކެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަ ކުރައްވައިފިއެވެ. މިގޮތުން ހުޅުމާލެ، އައްޑޫ ސިޓީގެ ހިތަދޫ އަދި ރ. އުނގޫފާރުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މި ހިޔާތަކުން ވަގުތީ ރައްކާތެރިކަމާއި އެކު އެކި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އައްޑޫސިޓީގައި ހިޔާ ޤާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސޯޝަލް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. އެގޮތުން މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ކޮންޓްރެކްޓަރަކު ހޯދުމަށް އިއުލާނު ކުރެވި، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށޭނެކަމަށް ލަފާކުރެވެއެވެ. އައްޑޫސިޓީގެ މަސައްކަތަށްފަހު ދެން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރ. އުނގޫފާރުގައެވެ.
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުއަކީ، ދިވެހި ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގައި ގެވެށި އަނިޔާ ހުއްޓުވުމާއި، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މާލެ ސަރަހައްދުގެ އާބާދީ ބޮޑުކަމަށްވާތީ، ހުޅުމާލޭގައި ޤާއިމްކުރާ ހިޔާއަކީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކުރެވޭ ތަނެކެވެ. މި ހިޔާގައި އެއްފަހަރާ ގިނަ މީހުން ބޭތިއްބުމުގެ އިތުރުން، ނަފްސާނީ ފަރުވާއާއި ކައުންސިލިންގ އަދި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރާ ހިޔާގައި އެއްފަހަރާ 44 މީހުންނަށް ތިބެވޭނެއެވެ. މި ހިޔާއިން ވަގުތީ ރައްކާތެރިކަމާއި އަސާސީ އެހީތެރިކަމުގެ އިތުރުން، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކި ޙަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މިއީ އާއިލާ ރޫޅިގެންދާ ހާލަތްތަކުގައާއި، އެހެނިހެން ނާޒުކު ހާލަތްތަކުގައި ތިބޭ އަންހެނުންނަށް އަމިއްލައަށް އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް އަމާޒުކޮށްގެންނެވެ.
ރ. އުނގޫފާރުގައި ޤާއިމްކުރާ ހިޔާގައި މައިގަނޑު އަމާޒަކަށް ވެގެންދާނީ އަންހެނުންނާއި އަންހެންކުދިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމެވެ. މީގެ ތެރޭގައި އަނިޔާގެ ޝިކާރައަކަށް ނުވުމަށް ޅައުމުރުން ފެށިގެން ސަމާލުކަން ދިނުމާއި، އެފަދަ ހާލަތްތަކުގައި އާއިލާއާއި މުޖުތަމައުގެ އެހީތެރިކަން ހޯދާނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ.
ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ 500 ޒުވާނުން ބިނާކުރުމަށް މިއަހަރުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ.