ފާއިތުވި 15 އަހަރު ތެރޭވެސް ޕްރައިމަރީ އެޑިއުކޭޝަންގެ ވާހަކަ ދެއްކެވި ހަމައެކަނި ރައީސްއަކީ ރައީސް މުއިއްޒުކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ތައުލީމީ ނިޒާމުގެ ހަގީގީ މައްސަލައަށް އެޑްރެސްކޮށް ވާހަކަ ދެއްކެވި ހަމައެކަނި ރައީސަކީ ޑރ. މުއިއްޒު ކަމަށާއި، އެހެން ހުރިހާ ރައީސުންވެސް ދައްކަވާފައިވަނީ އޯލެވެލްގެ ނަތީޖާ، ނުވަތަ އޭލެވެލްގެ ނަތީޖާ ރަގަޅުކުރާ ވާހަކަ ކަމުގައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒުގެ ހަގީގީ އަމާޒަކީ އެންމެ ތުއްތު އިރުއްސުރެ، ނުކުރެވިހުރި ކަންކަމަށް އިސްކަންދީގެން ގައުމު ބިނާކުރުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިރޭ އިތުރަށް ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ތެރެއިން ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާގެ ނަތީޖާ ވަނީ ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައެވެ.
މިނިސްޓަރު ޝަފީއު ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި ކިޔަވައިދެމުންދަނީ 2015 ވަނަ އަހަރު ތަންފީޒުކުރި ކަރިކިއުލަމްއެވެ. އަދި މި ކަރިކިއުލަމްއަށް ކިޔަވައިދޭން ފެށި ފަހުން، 2015، 2017 އަދި 2023 ވަނަ އަހަރު ދަރިވަރުންނަށް ހާސިލުކުރެވޭ މިންވަރު ދިރާސާކުރުމުން ފާހަގަވެފައިވަނީ ނަތީޖާތައް ކަންބޮޑުވާ މިންވަރަށް ދަށްވެފައިވާކަމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ކަންބޮޑުވާންޖެހޭ މާއްދާއަކީ ހިސާބެވެ. 2015 ވަނަ އަހަރު ހިސާބު މާއްދާއިން މުޅި ގްރޭޑްގެ ފާސްވި މިންވަރު 58 އިންސައްތައިގައި ހުރިއިރު، 2023 ވަނަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 46 އިންސައްތައަށް ދަށްވެފައެވެ. މިއީ ދެބައިކުޅަ އެއްބައި ދަރިވަރުންނަށް ނެޝަނަލް ކަރިކިއުލަމްގައި ހާސިލުކުރަންޖެހޭ މިންވަރު ހާސިލުނުވާކަން ދައްކުވައިދޭ ހެއްކެކެވެ.
މީގެ އިތުރުން، މާދަރީ ބަސްކަމުގައިވާ ދިވެހި މާއްދާއިންވެސް ފާސްވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އިނގިރޭސި މާއްދާގެ ނަތީޖާތައްވެސް ވަނީ އެއްވެސް ކުރިއެރުމެއް ނުލިބި، 54 އާއި 56 އިންސައްތައިގެ ދެމެދުގައި ހިފެހެއްޓިފައެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދަށު ގްރޭޑްތަކުގައި ދަރިވަރުންނަށް ރަނގަޅު ނަތީޖާ ނުލިބޭނަމަ، އޭގެ ސީދާ އަސަރު ކުރާނީ މަތީ ގްރޭޑްތަކުގެ ނަތީޖާތަކަށެވެ.