މިދިޔަ އަންގާރަ ދުވަހު ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހާދިސާއެއްގައި، ސިޒޭރިއަން ހެދުމަށްފަހު އަންހެނަކާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލާގައި އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގް ވަނީ ބަނޑަށް 8 މަސްވެފައި ވަނިކޮށް ރޯގާ ޖެހި، ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލު ގޯސްވުމާ ގުޅިގެން ވެންޓިލޭޓަރަށް ލުމަށްފަހު ސިޒޭރިއަން ހަދައި ކުއްޖާ ނެގުމަށްފަހު، އިތުރަށް ހާލު ގޯސްވުމާ ގުޅިގެން މާލެއަށް ފުރުވާލުމަށް މަސައްކަތްކުރެވުނެވެ. ނަމަވެސް އާއިލާއިން ތުހުމަތުކުރާ ގޮތުގައި މާލެއަށް ފުރުވާލުމުގައި ލަސްތަކެއް ދިމާވެފައިވެއެވެ.
އާއިލާއިން ބުނާ ގޮތުގައި، އާސަންދަ ހަމަޖެހިއްޖެ ކަމަށް ބުނެ ފްލައިޓް އަންނަނީ ކަމަށް ހޮސްޕިޓަލުން އެންގުމަށްފަހު އެތައް ވަގުތެއް ހޭދަވެފައިވެއެވެ. އަދި ކޫއްޑޫ އެއާޕޯޓަށް ދިޔައިރު އޮކްސިޖަން ދެވޭނެ ގޮތް ވެސް ހަމަޖެހިފައި ނެތް ކަމަށް މައުލޫމާތު ލިބެއެވެ. ޝިއުނާ ނިޔާވެފައިވަނީ ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަތީގައި ތިއްބާއެވެ. އަދި އޭނާގެ ދަރިފުޅު ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނައުމަށްފަހުގައެވެ.
މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ، އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަ ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
13 އަހަރާއި 8 އަހަރުގެ ދެ ދަރިން ދޫކޮށް ނިޔާވި ޝިއުނާގެ އާއިލާއިން ވަނީ ފުލުހުންގައި މައްސަލަ ހުށަހަޅައި، އިންސާފަށް އެދިފައެވެ. އަދި އިތުރު އާއިލާއަކަށް މިފަދަ ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަކީ އެ އާއިލާގެ އެދުމެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލަށް ކިޔަން ރަނގަޅީ ސިއްހީ މަރުކަޒު ކަމަށް ވެސް އެ އާއިލާއިން ފާހަގަކުރެއެވެ.