ރައީސްއާއި އަބުދުއްރަހީމްއާ ދެމެދު ނުތަނަވަސްކަމެއް ނެތް: ފަލާހު

ރައީސްއާއި އަބުދުއްރަހީމްއާ ދެމެދު ނުތަނަވަސްކަމެއް ނެތް: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވި ނަމަވެސް، އެ މަނިކުފާނާއި ރައީސް މުއިއްޒާ ދޭތެރޭ އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމުގައި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، "ސަން" އޮންލައިންއާއި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވެފައިވަނީ ރައީސް މުއިއްޒު އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަނީ ވަރަށް ވިސްނަވައިގެން ކަމަށާއި، އެ މަނިކުފާނުގެ އަމިއްލަ ދަރިކަލަކު ގޯސްކަމެއް ކުރެއްވިޔަސް އެކަމަކަށް ފިޔަވަޅު އަޅުއްވާނެ ވެރިއެއްކަން ރައްޔިތުންނަށް މިއަދު ޔަގީންވެގެންދާނެ ކަމަށެވެ. ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް އެކިއެކި ވުޒާރާތަކަށް ބަދަލު ގެންނަވައި، އެކި ބޭފުޅުންނާ ކަންކަން ހަވާލުކުރައްވަމުން ގެންދަވާއިރު، ގޯސްކޮށް ކަމެއް ކުރައްވައިފިނަމަ އެ ބޭފުޅަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެކަން ތަކުރާރުކޮށް ވިދާޅުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި އެ ފިޔަވަޅުގެ ސަބަބުންނެއް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދޭތެރެއަކު މާ ބޮޑު ނުތަނަވަސްކަމެއް އުފެދިފަކައެއް ނެތް.

ފަލާހު ވިދާޅުވިއެވެ.

ފައިސަލް މަގާމުން ވަކިކުރެއްވި ދުވަހު، މެލޭޝިއާގައި ހުންނަވައި އަބްދުއްރަހީމް ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރައީސް މުއިއްޒާ އެކު އޮތް ގުޅުން ރަނގަޅު ނަމަ އެގޮތަށް ކަންތައް ނުކުރެއްވީސް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކަފުޅެއް ދައްކަވާފައެއް ނުވެއެވެ. އަދި މިއަދު ރިޔާސީ ބަޔާން އިއްވެވިއިރު އަބުދުއްރަހީމް ވަނީ ޖަލްސާ ކުރިއަށް ގެންދަވާފައެވެ.

އެހެންނަމަވެސް ޕީއެންސީން ރޭ ބޭއްވި ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މާލޭގައި އަބްދުއްރަހީމް ހުންނަވާނަމަ ޕީޖީ ބައްދަލުވުމުގެ ރިޔާސަތު އަބަދުވެސް ބަލަހައްޓަވަނީ އޭނާއެވެ. އަދި ހުރިހާ ބައްދަލުވުމަކަށް ވެސް ހާޒިރުވެވަޑައިގަންނަވައެވެ.

ޕީއެންސީގެ މަސައްކަތްތަކާ އަބްދުއްރަހީމް މިވަގުތު ދުރުން އުޅުއްވާ މަންޒަރު ފެންނައިރު، އޭނާއާއި ރައީސް މުއިއްޒާ ދެމެދު ސިޔާސީ ގޮތުން މައްސަލަޖެހި، ގުޅުން ގޯސްވެފައިވާ ކަމުގެ އަޑު އަންނަނީ ފެތުރެމުން ދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ފައިސަލް މަގާމުން ދުރުކޮށްފައިވަނީ އެ ވާހަކަތައް ދެކެވެން ފެށިތާ ދުވަސްތަކެއް ފަހުންނެވެ.

ފައިސަލް މަގާމުން ވަކިކުރެވުނުތާނާ ކަހަލަ ގޮތަކަށް، އަބްދުއްރަހީމްގެ ދަނބިދަރިކަލުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ހިޝާމް ވަޖީހުގެ ބައްޕަ، މުހައްމަދު ވަޖީހު، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *