ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވި ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވާލެވޭނެއެވެ.
މީގެ އިތުރުން މިއަހަރުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަން އެއަރޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި، މ. މުލީ އެއަރޕޯޓް އަންނަ އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 14 އައު އެއަރޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެކި މަރުހަލާތަކުގައި ފަށައި ކުރިއަށް ގެންދެވޭނެކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ އަދި ލ. ކައްދޫ ހިމެނެއެވެ.
ހަމައެހެންމެ، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވައިގެ ދަތުރުފަތުރުގެ އިތުރުން ކަނޑުމަގުން ދަތުރުފަތުރު ކުރުމުގެ ނިޒާމުވެސް ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލްގެ ފެރީ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ޖޫން މަހު ރ. އަތޮޅުގައި މި ޚިދުމަތް ފެށުމަށްފަހު، ޖުލައި މަހުގެ ތެރޭގައި ބ. އަތޮޅުގައި މި ޚިދުމަތް ފެށޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.