ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަލުން ފެއްޓެވުމަށްޓަކައި ރިޔާސީ ބަޔާން އިއްވަވަމުން، އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް ޕްރޮގްރާމެއް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ ކީރިތި ނަބިއްޔާ މުޙައްމަދު ﷺ ކަމަށެވެ. މިއީ މުސްލިމުންނާއި ޣައިރު މުސްލިމުންވެސް އެމައްޗަށް އިޢުތިރާފްވެ، އެތައް ފޮތްތަކެއް ލިޔެފައިވާ މައުޟޫޢުއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގައި ކަމަށް ފާހަގަކުރައްވައި، މިކަމަށްޓަކައި އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުނގަންނައިދީ، ހޭލުންތެރިކުރުވުމަށް އެކަމާ ގުޅުންހުރި ދާއިރާތަކާއި ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ވީމާ، އިސްލާމީ ލީޑާޝިޕް ކޮލިޓީ އުނގަންނައިދީ، ހޭލުންތެރިކުރުވުމަށްޓަކައި އިސްލާމީ ލީޑާޝިޕް މެނޭޖްމެންޓް ޕްރޮގްރާމެއް އެކަމާއި ގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށްގެންދަން ވާނީ ނިންމާފައި.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދި މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢުވެސް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.