ރިޔާސީ ބަޔާން 2025: މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއެއް މި އަހަރު ކުރިއަށް ގެންދަނީ

ރިޔާސީ ބަޔާން 2025: މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއެއް މި އަހަރު ކުރިއަށް ގެންދަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިސްކިތްތަކާބެހޭ ގައުމީ މަޖިލިސް އަލުން އުފައްދައި، މިއަހަރު މިސްކިތްތައް ބިނާކުރުމަށް އިސްކަންދޭނެ ކަމަށެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުން މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް 7,868,953 ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި އަހަރު އިސްލާމްދީން ހިމާޔަތްކޮށް، ދިވެހިންގެ އަޤީދާ ވަރުގަދަކޮށް، ދީނަށް ލޯބިޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަރުމާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގިފައިވާ ކަމަށާއި މިއަހަރުވެސް މެދުކެނޑުމެއްނެތި އެ ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި މުހިންމު މަޝްރޫޢެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަން މުހިންމުކުރެއްވި ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ނަމާދަކީ ހުރިހާ މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއް ކަމަށާއި، އެއީ އިސްލާމްދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީއެވެ.

މިއަހަރަކީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ނަތީޖާ ނެރެދެވޭނެ އަހަރެއްކަމަށާއި، ފާއިތުވި އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *