ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނަން: ރައީސް

ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނަން: ރައީސް

ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ފުރުސަތު ނުދިނުމަކީ އެމަނިކުފާނުގެ އަޒުމްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން، އެމަނިކުފާނު ވިދާޅުވީ މިއީ އެމަނިކުފާނު އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރައްވާ އަދި ދުވަހަކުވެސް ފަރުވާކުޑަކޮށް ނުލައްވާނެ ގައުމީ ވާޖިބެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކަނޑާއި އެއްގަމާއި ވައިގެ ގޮތުންވެސް އަމިއްލަ ގައުމު އަމިއްލައަށް ދިފާއުކުރެވޭނެ ވަރުގެ ގާބިލުކަން އުފެއްދުމަށް މި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ. މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތް ދެގުނަ ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި ކޯސްޓްގާޑަށް ބޭނުންވާ އުޅަނދުތައް ހޯދުމާއި އިތުރު މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ކޯސްޓްގާޑުގެ ސްޕެޝަލް އޮޕަރޭޝަންތަކަށް ސްޕެޝަލް ބޯޓު ސްކޮޑްރަން 3 ނޮވެމްބަރު 2024 ގައި ވަނީ އުފައްދައި ޚިދުމަތަށް ނެރެފައެވެ.

ވައިގެ މަގުން ގައުމު ދިފާއުކުރުމަކީވެސް މުހިއްމު ކަމެއްކަމަށް ފާހަގަކުރައްވައި، މިދިޔަ އަހަރުގެ މާޗު 15 ގައި އެމްއެންޑީއެފް އެއާކޯ އުފެއްދެވީ ޒަމާނީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަންމޭންޑް އޭރިއަލް ވެހިކަލްތަކުގެ ޚިދުމަތް ފެށުމާއެކު، ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ އުޅަނދުތަކެއް ހޯދިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އެއާ ސްޓޭޝަން ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފެށިފައެވެ.

މިއަހަރުތެރޭ އެމްއެންޑީއެފްގެ މެރީން ކޯގެ ކެޕޭސިޓީ އިތުރުކުރުމާއި، ގިރިފުށީ ޓްރެއިނިންގ މަރުކަޒުގެ ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އިންސާނީ ގާބިލުކަމާއި ވަސީލަތްތަކުގެ މުއްސަނދިކަމާއި ނިޒާމީ ހަރުދަނާކަން ޒަމާނީ ފެންވަރަށް ގެނައުމާއި، ފަޔާ އެންޑް ރެސްކިއުއަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމުގެ މުހިއްމު މަސައްކަތްތައްވެސް މިއަހަރު ފެށޭނެއެވެ.

ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާއި ލޯ އެންޑް އޯޑާ ބެލެހެއްޓުމުގައި ފުލުހުންނަށް ކުރިއެރުން ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވި ފަހުން މިއަދާ ހަމައަށް 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ހުޅުވައި، އަދި ފުލުހުންގެ ޚިދުމަތް ނެތް 39 ރަށެއްގައި މިއަހަރު އެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިހާރު ވަގުތީ ޕޮލިސް ސްޓޭޝަންތައް ހަދައިގެން ޚިދުމަތްދެމުންދާ 20 ރަށުގައިވެސް ދާއިމީ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ނިމޭއިރު ފުލުހުންގެ ޚިދުމަތް ގާއިމުވެފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ރައީސް ވިދާޅުވީ ޑްރަގާއި ގޭންގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފަށާފައިވާ މަސައްކަތަށް ބޭނުންވާ ކެޕޭސިޓީ، ފުލުހުންގެ ޚިދުމަތުގައި އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *