އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ ޖޫރިމަނާތައް ބަހާލައިގެން ދައްކަން 58 ފަރާތަކުން ހުށަހަޅައިފި

އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގެ ޖޫރިމަނާތައް ބަހާލައިގެން ދައްކަން 58 ފަރާތަކުން ހުށަހަޅައިފި

އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭ ގޮތުން ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާތައް ބަހާލައިގެން ދެއްކުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފުރުސަތު ހުޅުވާލުމާ ގުޅިގެން 58 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. މި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 20 އެޕްލިކޭޝަނަކަށް ވަނީ ހިދުމަތް ފޯރުކޮށްދެވިފަ އެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން މި ފުރުސަތު ލިބޭނީ ނުދައްކާ ހުރި ފައިސާގެ އަދަދު 5،000 ރުފިޔާއަށް ވުރެ އިތުރުވާ ފަރާތްތަކަށެވެ. އަދި މި ފައިސާއަކީ ދައްކަން ޖެހޭ މުއްދަތު ހަމަވެފައިވާ ފައިސާއަކަށް ވާން ޖެހެ އެވެ. އޭގެ އިތުރުން ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށް މި ފުރުސަތެއް ނުލިބޭނެ އެވެ. މިގޮތަށް ފައިސާ ދެއްކުމަށް އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައި ވާން ޖެހެ އެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ފައިސާގެ އަދަދާ ގުޅިގެން ކޮމިޓްމަންޓް ޕޭމަންޓާއި މުއްދަތު ތަފާތުވެ އެވެ. މިގޮތުން 5،000 ރުފިޔާއިން ފެށިގެން ތިން މިލިއަނަށް ވުރެ މަތީގެ އަދަދުތަކަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ. އެންމެ ކުޑަ އަދަދުން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ކޮމިޓްމަންޓް ފީގެ ގޮތުގައި 15-18 ޕަސެންޓް ދައްކަން ޖެހެ އެވެ. މި އަދަދުތަކަށް 10 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއް ލިބެ އެވެ.

100،000 ރުފިޔާއިން ފެށިގެން 400،000 ރުފިޔާއާ ހަމައަށް 10 ޕަސެންޓްގެ ކޮމިޓްމަންޓް ފީއާ އެކު 20-28 މަސްދުވަހުގެ މުއްދަތެއް ލިބެ އެވެ. 400،000 ރުފިޔާއިން ފެށިގެން މަތީގެ އަދަދުތަކަށް ފަސް ޕަސެންޓްގެ ކޮމިޓްމަންޓް ފީއާ އެކު ގާތްގަނޑަކަށް ތިން އަހަރުދުވަހުގެ މުއްދަތެއް ލިބެ އެވެ.

މުއްދަތަށް ކޮމިޓްމަންޓް ފީ ނުދައްކާ ނަމަ، ފޯމު ބާތިލުވެ، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ގެއްލޭނެ އެވެ. މި ފުރުސަތު ހުޅުވާލީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ދައްކަން ޖެހި، ފައިސާ ނުދެއްކި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެންނެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި 2018 ގެ ނޮވެމްބަރު 17 އިން 2023 ގެ އޮކްޓޫބަރު 5 އާ ހަމައަށް ކުރެވުނު ޕާކިން ޖޫރިމަނާތައް ވަނީ މާފުކޮށްދެވިފަ އެވެ. އަދި ޓްރެފިކް އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމަށް 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުލުހުން ވަނީ ފަރުމާކޮށްފަ އެވެ. ނަމަވެސް 2023 ގެ ސެޕްޓެމްބަރު މަހު ފަހުކޮޅު މި ޕްރޮގްރާމަށް ބައިވެރިވުމަށް ހުޅުވާލި ނަމަވެސް، އޭގެ ފަހުން އެ ޕްރޮގްރާމާ މެދު އިތުރު މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *