އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލިސް ރައީސްއާއި ބައްދަލު ކޮށްފި

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލިސް ރައީސްއާއި ބައްދަލު ކޮށްފި

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ހާމަކުރެއްވި ގޮތުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާ އެކު ބޭއްވި ބައްދަލުވުމަކީ މަޖިލީހުގެ މި އަހަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

ރައީސް މުހައްމަދު މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އާއި ނާޒިލް މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.

'ދައުރު’ން އެ ބައްދަލުވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ، މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާގެ އެޖެންޑާ ލިބުމާ އެކު، އެވަގުތަކީ އޭނާއާއި އަބްދުއްރަހީމް ވެސް މަޖިލީހުގައި ތިއްބެވި ވަގުތަކަށްވާތީ ބައްދަލުކޮށްލެއްވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ނިމިދިޔަ ދައުރާއި ކުރިއަށް އޮތް ދައުރުގެ މަސައްކަތްތަކާ ގުޅޭގოތުން މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަތަކެއް ޖެހި، އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމުން ދުރުކުރުމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި ބޭއްވުނު މި ބައްދަލުވުމުގައި އެފަދา ސިޔާސީ ވާހަކަތަކެއް ނުދެކެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލައަކީ އެމްޑީޕީއާ ހަމައަށް ރަސްމީކޮށް އައިސްފައިވާ މައްސަލައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މާދަމާ އޮންނަ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާއިރު، ރިޔާސަތުގައި އަބްދުއްރަހީމް އިންނަވާނެ ކަމަށް މަޖިލީހުން އިއްޔެ ވަނީ އަންގަވާފައެވެ. އެ ޖަލްސާއަށް އެމްޑީޕީން އެއްބާރުލުން ދޭނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި، ޕީޖީ ގްރޫޕުގެ މެންބަރުންގެ މެޖޯރިޓީ އޮތް ގޮތަކަށް ކުރިއަށް ގެންދާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. މީގެ އިތުރުން، މާދަމާގެ ޖަލްސާއާ ދިމާކޮށް އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވުމަށް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *