މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން ފަރުވާ ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން ފަރުވާ ފަށައިފި

މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބުނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަން ފަށައި މިވީ މުއްދަތުގައި މާލެއާއި އަތޮޅުތައް ހިމެނޭހެން 100 އަށްވުރެ ގިނަ މީހުން ފަރުވާއަށް ގެންގޮސްފައިވާ ކަމަށެވެ. ކުރިން މި މަސައްކަތް މާލޭގައި އެކަނި ކުރިނަމަވެސް، މިހާރު އަތޮޅުތަކަށް ވެސް މި މަސައްކަތް ފުޅާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވި ގޮތުގައި ފަރުވާއަށް މީހުން ވެއްދުމުން އޯވަރޑޯޒްއަށް ޖާގަ ހަނިވާ ކަމަށާއި ފަރުވާއަށް ނަގާ ދުވަހުން ފަށައިގެން ނަފްސާނީ އިވަލުއޭޝަންތައް ހަދައި މެޑިކަލް ފަރުވާއާއި ކައުންސިލިން ފަށާ ކަމަށް ވެސް ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ރިކަވަރީ ސަޕޯޓް އެންޑް އާފްޓާ ކިޔާ ވަރަށް ވަރުގަދަ ރީއިންޓަގްރޭޝަން ސެކްޝަނެއްގެ މަސައްކަތް ފަށާފައިވެއެވެ. މި ސެކްޝަނުން މަސްތުވާތަކެތީގެ ފަރުވާ ނަގާފައި ތިބި ކުދިން މޮނިޓާކޮށް، އާފްޓާ ކެއާގެ ގޮތުގައި އެ މީހުންގެ ކަންތައްތައް ބަލަމުން ގެންދެއެވެ. އަދި މަސްތުވާތަކެތީގެ ފަރުވާ ނިމުމާއެކު އަދި ފަރުވާގެ ތެރޭގައި އުޅޭއިރު ވެސް އެ މީހުން ހުނަރު ޕްރޮގްރާމްގެ ތެރެއަށް ހިމަނައި، ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރެވެއެވެ.

މިހާރު އުސޫލު އޮންނަގޮތުން، މިގޮތަށް ރިމާންޑް އޮޕަރޭޝަންގައި ނަގާ މީހުންނަށް ކޯޓުން ދެނީ 30 ދުވަހުގެ ރިމާންޑް އޯޑައެއް ކަމަށާއި ނަމަވެސް އެ މުއްދަތުގެ ފަހުންވެސް، އިތުރަށް ފަރުވާ ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދެމުންދާ ކަމަށް ލުބުނާ ވިދާޅުވިއެވެ. އަދި ރެސިޑެންޝަލް ފަރުވާ އަދި ކޮމިއުނިޓީ ފަރުވާގެ ނިޒާމު ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަން ތަޙައްމަލުކުރާ މީހުންނަށް މުޖުތަމައުއިންވެސް އެކަމުން އަރައިގަތުމަށް އެހީވުމަށާއި މިފަދަ ކޭސްތައް އެ އެޖެންސީގެ ހޮޓްލައިން 1410 އަކަށް ވީހާވެސް އަވަހަށް ރިޕޯޓްކުރުމަށް ލުބުނާ އެދިވަޑައިގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *