އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރެއްވި ގޮތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް އީފާސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި މިހާތަނަށް އަމަލުކުރަމުން އައި ކަރުދާސް ފޯމުގެ ބަދަލުގައި އީފާސް މެދުވެރިކޮށް މި ހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައި މިވަނީ މީހުންނަށް ނޭނގި ޕާޓީތަކަށް މީހުން ވައްދަމުންދާ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. މި އައު ނިޒާމުގެ ދަށުން، ޕާޓީއަކަށް ވަނުމަށް އެދޭ ފަރާތްތަކުން އެމީހެއްގެ އަމިއްލަ އީފާސް އެކައުންޓު މެދުވެރިކޮށް ފޯމު ހުށަހެޅުމުން، އެކަން ޕާޓީއަށް އެންގޭނެ ކަމަށާއި، ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ނުވާނަމަ، ޕާޓީން އެ މެމްބަރަކު ގަބޫލުކުރުމާ އެކު އެ މަރުހަލާ ނިމުމަކަށް އަންނާނެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަރުދާސް ފޯމު މެދުވެރިކޮށް ޕާޓީތަކަށް މެމްބަރުން ވެއްދުން ވަނީ ހުއްޓާލާފައެވެ. މިވަގުތު ކުރިއަށްދަނީ އާ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތްތައް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލާފައި މިވަނީ ޕީއެންސީއަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ މެންބަރުން ވައްދާފައިވާ ކަމަށް އިދިކޮޅުން ކުރި ތުހުމަތާ ގުޅިގެންނެވެ. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، އެ ދަފްތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ