ދަ ޑިމޮކްރެޓްސްއިން އިއުލާންކޮށްފައިވާ ގޮތުގައި، ކުރީގެ ސިޔާސީ ސައްލާތަކުގެ ގޮތުގައި ބޭއްވި މިނިވަން ބަހުސް އަލުން ފަށަން އެޕާޓީން ނިންމައިފިއެވެ. މިގޮތުން މިނިވަން ބަހުސްގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހު ކަމަށާއި، މި ފޯރަމްތައް ކުރިއަށް އޮތް ދުވަސްތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ހާމަކޮށްފައިވެއެވެ.
ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމްގެ މައުޟޫއަކީ "ޑިމޮކްރަސީ ޔޫޓާންއެއް ނެގީ ކޮންއިރަކު" އެވެ. ނަމަވެސް މި ފޯރަމް ބާއްވާނެ ތަނެއް އަދި އާންމުކޮށްފައެއް ނުވެއެވެ. ޑިމޮކްރެޓްސްއިން ބުނާ ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި، މި ކަންކަމަކީ އާންމު ރައްޔިތުންގެ ވިސްނުން ހުރިގޮތް ބަލަންޖެހޭ ކަންކަން ކަމަށް ބުނެއެވެ. އަދި މިނިވަން ބަހުސް ބޭއްވުމުގެ އެއް މަޤްޞަދަކީވެސް މިއީ ކަމުގައި އެޕާޓީން ފާހަގަކޮށްފައިވެއެވެ.
މި ބަހުސްތައް ފެށުމަށް ޑިމޮކްރެޓްސްއިން ނިންމާފައި މިވަނީ، އެޕާޓީގެ ލީޑަރޝިޕްގެ ގިނަ މެންބަރުންތަކެއް ވަކިވެ، ޕާޓީ ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، އަލުން ޕާޓީއަށް ރައީސަކާއި ނައިބުން ހޮވައި، ޕާޓީ ހިންގުމުގެ ކަންކަން އަލުން ތަރުތީބުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިނިވަން ބަހުސްއަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި އެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ޚިޔާލު ފާޅުކުރުމާއި އަޑުއުފުލުމުގެ ހަރަކާތެކެވެ.