ސަރުކާރުގެ މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން، އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ އެކު، އެ ދެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި ގޮތުގައި، މިނިސްޓްރީތައް އެއްކޮށްލުމާ ގުޅިގެން އަލުން އެއް ޕާމަނަންޓް ސެކްރެޓަރީއަކު އައްޔަންކުރުމަށްޓަކައި، މިހާރު ތިއްބެވި ދެ ޕާމަނަންޓް ސެކްރެޓަރީން ކަމުގައިވާ، ޓޫރިޒަމް މިނިސްޓްރީގެ ފާތިމަތު ޝައުފާ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ އަޖުވަދު މުސްތަފާ މަގާމުން ވަކިކުރަން ނިންމީއެވެ. އަދި އާ ޕާމަނަންޓް ސެކްރެޓަރީއަކު ހޯދުމަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި، މަގާމުން ވަކިކުރެވުނު ދެ ޕާމަނަންޓް ސެކްރެޓަރީންނަށްވެސް އަލުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޖުވަދު މުސްތަފާއަކީ 2014 ވަނަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެވުނު، އެންމެ ގިނަ ދުވަސްވީ ޕާމަނަންޓް ސެކްރެޓަރީންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި ފާތިމަތު ޝައުފާ ޕްރޮބޭޝަން މުއްދަތުގައި ހުންނެވިއިރު، މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެވުނެވެ.
މި ދެ މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެން، ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކުރައްވައި، އެއްކުރެވުނު މިނިސްޓްރީގެ މިނިސްޓަރުކަމަށް ތާރިގު އިބްރާހިމް ވަނީ އައްޔަންކުރައްވާފައެވެ.