ޑރ. މުހައްމަދު މުއިއްޒުގެ އެސްޓޯނިއާގެ ދަތުރުފުޅަށް ޚަރަދުވީ 1.3 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ހާމކޮށްފިއެވެ. މިމަހުގެ 13 އިން 17 އަށް ކުރެއްވި މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑރ. އަލާރް ކްރިސްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ޑިޖިޓަލް އިނޮވޭޝަން، ސައިބަރ ސެކިއުރިޓީ، އީ-ގަވަރނަންސް، މޫސުމީ ބަދަލުތަކާއި ސިއްހަތާއި ތައުލީމީ ދާއިރާއާއި ދަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އަދި ސްމާޓް ގްރިޑް އަދި ސެކިއުރިޓީ އާއި ތާރީހާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ.
ދަތުރުފުޅުގެ ތެރޭގައި އެގައުމުގެ ތައުލީމީ ނިޒާމާއި، އުނގެނުމުގެ އާ އުކުޅުތަކުގެ މައުލޫމާތު ހޯއްދަވައި، ދިވެހިންނަށް އެގައުމުގެ ޔުނިވަރސިޓީތަކުން ޖާގަ ހޯދުމަށް މަސައްކަތްތަކެއް ކުރެވުނެވެ. އަދި ހަރަދު ކުޑަ ޑިޖިޓަލް ހައްލުތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް، ޔޯކޯ އަލެންޑަރ ވަނީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެއިތުރުން، އިޔާދަކުރަނިވި ހަކަތައާއި ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
ރައީސް ވަނީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، އެގައުމުގެ ޑިޖިޓަލް މުޖުތަމައު އަދި އީ-ގަވަރނަންސްގެ ކުރިއެރުންތަކާ ބެހޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ. އަދި އެސްޓޯނިއާގެ ރައީސަށް ލަފާދޭ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ބޭއްވުނު ރައުންޑް ޓޭބަލް މަޝްވަރާގައި، ރާއްޖެ ޑިޖިޓަލް ގައުމަކަށް ބަދަލުކުރުމުގެ ވިސްނުން ހިއްސާކުރައްވާފައިވެއެވެ.
މީގެއިތުރުން، ޓާރްޓޫ ސިޓީއަށް ޒިޔާރަތްކުރައްވައި، އެސިޓީގެ ހިދުމަތްތަކާއި، ޓާރްޓޫ ޔުނިވަރސިޓީގެ ބަޔޯބޭންކް ބައްލަވާލެއްވިއެވެ. ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ އެގައުމުގެ ރައީސްގެ އިތުރުން، އެކިއެކި މިނިސްޓަރުންނާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާވެސް ބައްދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ