މާލޭގައި ހުންނަ މ.ވީނަސްގޭގެ ހަތްވަނަ ފަންގިފިލާގައި އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅެމުންދިޔަ ތިން މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.
އަލިފާން ރޯވި ވަގުތުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން އެ ސަރަހައްދަށް ގޮސް، ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލުމުގައި ކާމިޔާބުވިއެވެ. މި ހާދިސާގައި އިމާރާތަށް މާ ބޮޑު ގެއްލުމެއް ލިބިފައިނުވި ނަމަވެސް، ދުމުގެ ސަބަބުން ފާރުތަކާއި ސީލިންގ ވަނީ ކަޅުވެފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރިއަށް ގެންދަމުންނެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ވަނީ އެއްވެސް އިދާރާއަކުން ހާމަނުކުރައްވައެވެ. ނަމަވެސް، އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، އަލިފާން ރޯވެފައިވަނީ އެ ގޭގައި އުދާފައި ހުރި އެއްޗެއްގައި ކަމަށް ލަފާކުރެވެއެވެ.